ދުނިޔެ

އިރާނާއި އެމެރިކާ އާ ދެމެދު ނުސީދާ މަޝްވަރާތައް އޮމާނުގައި ފެށިއްޖެ

އިރާނާއި އެމެރިކާ އާ ދެމެދު ނުސީދާ މަޝްވަރާތައް އޮމާނުގައި ފެށިއްޖެ

އެމެރިކާގެ ރައީސް އަދި އީރާންގެ ސްޕްރީމް ލީޑަރ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 އޭޕްރީލު 2025، 09:50

13 އޭޕްރީލު 2025، 09:50

ހޮނިހިރު ދުވަހު އިރާނުގެ ރަސްމީ ފަރާތްތަކުން ހާމަކުރި ގޮތުގައި، އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން އިރާނާއި އެމެރިކާ އާ ދެމެދު ނުސީދާ މަޝްވަރާތަކެއް އޮމާނުގައި ފަށައިފިއެވެ. މިއީ ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް އަނބުރާ ވަޑައިގަތުމަށްފަހު ދެ ގައުމުގެ މެދުގައި ހިނގާ ފުރަތަމަ ޑިޕްލޮމެޓިކް މަޝްވަރާއެވެ.

އިރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ އެކްސް  ގައި ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައިވަނީ، "އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އާއި އެމެރިކާގެ މެދު އިރުމަތީގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް އާ ދެމެދު ނުސީދާ މަޝްވަރާތަކެއް އޮމާނުގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދަނީ." މިފަދައިންނެވެ.

ބަޤާއީގެ ބަހުން، ދެ ފަރާތުގެ ވަފުދުތައް ވަކި ކޮޓަރިތަކެއްގައި ތިބޭއިރު، އޮމާނުގެ ޚާރިޖީ ވަޒީރު ބަދުރު އަލްބުސައިދީ ދެ ފަރާތުގެ މެދުގައި މެސެޖުތައް ބަދަލުކުރުމަށް ދަތުރުކުރައްވައެވެ. މި ޑިޕްލޮމެޓިކް އިންތިޒާމަކީ އެމެރިކާ އާއި އިރާނުގެ ގުޅުމުގައި އަދިވެސް އޮތް އިތުބާރު ނެތްކަން ހާމަކޮށްދޭ ކަމެކެވެ.

އަރަޤްޗީ ވިދާޅުވެފައިވަނީ އިރާނުން ބޭނުންވަނީ "ހަމަހަމަ ފައިތިލައެއްގައި" އެމެރިކާ އާއެކު އެއްބަސްވުމަކަށް އާދެވޭތޯ ބެލުމަށް ކަމަށެވެ. "އަނެއް ފަރާތުންވެސް މި ސްޓޭންޑް ގެންގުޅޭނަމަ، އިރާދަކުރެއްވިއްޔާ އިބްތިދާއީ އެއްބަސްވުމަކަށް އާދެވޭނެ ފުރުޞަތެއް އޮންނާނެ. އަދި އެއީ މަޝްވަރާތަކުގެ މަގަށް މަގުފަހިވާނެ ކަމެކެވެ،" އަރަޤްޗީ ވިދާޅުވިއެވެ.

މި މަޝްވަރާތައް ފެށިފައިވަނީ ޓްރަމްޕްގެ އިންތިޚާބީ ކާމިޔާބަށްފަހު ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ. ޓްރަމްޕް އަލުން ރިޔާސަތަށް އައުމަށްފަހު، އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެދި ސިޓީއެއް ފޮނުވާފައިވެއެވެ. އިރާނުން ސީދާ މަޝްވަރާތަކަށް އިންކާރުކުރި ނަމަވެސް، އޮމާން މެދުވެރިވެގެން މި ނުސީދާ މަޝްވަރާތަކަށް އެއްބަސްވެފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS