ޚަބަރު
މާލޭގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

މާލޭގެ ގެއެއްގައި މިއަދު އަލިފާން ރޯވުން/ފޮޓޯ: އެމްއެންޑީއެފް
މާލޭގެ ގެއެއްގައި ރޯވި އަލިފާން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ މ.ވޭލްޝާކްގޭގައި ކަމަށެވެ. މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 13:29 ކަންހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ. އަދި އެ ވަޤުތު މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން މިގޭގައި ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 13:42 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.