ޚަބަރު
އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ ލައިސެންސެއް ދޫކުރުމަށް ނިންމައިފި

މާލޭގެ މަގުތިން/ފޮޓޯ: ދަ ޕްރެސް އެމްވީ
އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޚާއްޞަ ލައިސެންސެއް ދޫކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ އެއްގަމުން އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމާ ބެހޭ ޤަވާއިދަށް އިސްލާޙެއް ގެނެސްފައެވެ. އަދި މި އިސްލާޙުގެ ދަށުން، މި ލައިސެންސްގެ ދަށުން އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދެވޭނީ ހަމަ އެކަނި 60 ސީސީއިން ދަށުގެ މޮޓޯސައިކަލް، އޮޓޯ ސައިކަލް، އަދި ރަށުޕިކަޕް ފަދަ އުޅަނދު ދުއްވުމަށްކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި އިސްލާޙުގެ ބަޔާންކޮށްފައިވާ ގޮތުން، މި ލައިސެންސް ބޭނުންކޮށްގެން އެއްގަމު އުޅަނދުފަހަރު ދުއްވޭނީ ހަމަ އެކަނި ލައިސެންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައެވެ. ހަމަ އެހެންމެ، ލައިސެންސް ދޫކުރެވޭނީ ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވުން ހުއްދަކުރާ މަގުތަކުގައިކަމަށް މި ޤަވާއިދުގައި ބުނެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ 02 ވަނަ އިސްލާހުގެ ދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް ފަރާތަކަށް ހުރަހެއް ނެތްކަމަށެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސާއި، ދާއިމީ ލައިސަންސް ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ އިމްތިހާންތައް ފުރިހަމަ ކުރުމުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ދެ ބާވަތުގެ ލައިސަންސްގެ އިތުރުން، މި އިމްތިހާނުތައް ފުރިހަމަ ކުރުމުގެ ބަދަލުގައި، 04 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން، 60 ސީސީއިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕް ދުއްވުމަށް އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚުތިޔާރު މިއަދު ގެޒެޓްކުރެވުނު ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ 02 ވަނަ އިސްލާހުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދާކަމަށެވެ.
އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ދޫކުރާ މި ލައިސެންސްގެ މުއްދަތަކީ، ލައިސަންސް ދޫކުރާ ތާރީޚުން ފެށިގެން މީލާދީގޮތުން 10 އަހަރުކަމަށް އެ ޤަވާއިދުގައި ވަނީ ބަޔާންކުރައްވާފައެވެ. ހަމަ އެހެންމެ، މި ލައިސެންސްގެ މުއްދަތު ހަމަވުމުން ލައިސެންސް އައު ކުރުމުގެ ފުރުޞަތު ލިބިގެނެއް ނުވެއެވެ. ނަމަވެސް، މިކަމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމް އަލުން ފުރިހަމަކުރުމަށްފަހު، އަލުން ލައިސެންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް އިސްލާޙުކުރި ޤަވާއިދުގައިވެއެވެ.
މި ޤަވާއިދުގެ ދަށުން ލައިސެންސް ހޯދުމަށް ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް 250 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. އަދި މި ލައިސެންސްގެ ދަށުން އުޅަނދު ދުއްވާ ދޮށީ އުމުރުގެ ފަރާތަކުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ޚިލާފުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުމުގެ އިޚުތިޔާރު ދަތުރުފަތުރާ ބެހޭ ވުޒާރާއަށް ނުވަތަ ލައިސަންސް ދޫކުރި އިދާރާއަކަށް ލިބިގެންވެއެވެ.