ޚަބަރު
ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރި ފިރިހެނަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

ހދ. ކުޅުދުއްފުށި/ފޮޓޯ: ސަން އޮންލައިން
ހދ. ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރި ފިރިހެނަކު 25 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ، މ. މުލި އަށް ނިސްބަތްވާ ފިިރިހެނެއްގެ މައްޗަށެވެ. އަދި އޭނާ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ އެރަށަށް ބަނދަރުކުރި ބޯޓެއްގައެވެ.
އޭނާގެ ހުކުމްގައި ވަނީ، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައޫލޫމާތު ލިބުނުކަމަށް ބަޔާންކޮށްފައެވެ. އަދި މި މަޢުލޫމާތާއި ގުޅިގެން ކުޅުދުއްފުށީ ފުލުހުން އެރަށުގެ ބަނދަރު ސަރަޙައްދުގައި ބޯޓު ރަށަށް ލަފަންދެން ޙަރަކާތްތެރިވަމުން ދިޔަކަމަށް އެ ހުކުމްގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ހުކުމްގައި ބުނެފައިވަނީ، އެ ބޯޓު ރަށަށް ބަނދަރުކުރުމުން އޭގައި އިން ކަރުދާސް ފޮށިގަނޑު ބާލައިގެން އެ ފިރިހިން މީހާ ސައިކަލަށް އަރައިގެން ދާން އުޅުނު ކަމަށެވެ. ނަމަވެސް، އެ ވަގުތު ފުލުހުން އޭނާ ހުއްޓުވުމަށްފަހު، އޭނާގެ ނަން ޖަހާފައިވާ ދެ ކަރުދާސް ފޮށިގަނޑު ވަނީ ބަލާފާސްކޮށްފައެވެ. އަދި މީގެ ތެރެއިން އެއް ފޮށިގަނޑު ތެރޭގައި ހުރި ދެ ގަހުގެ ތެރެއިން އެއް ގަސް އިންދާފައި އިން ޕޮޓު ގަސް ނަގާ ބެލިއިރު، މޫގަނޑާ އެކު ހަރުލާފައިވާ ވެލިގަނޑުގެ ތެރެއިން މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި ފެނުނު ކޮތަޅުގައި 51.142 ގްރާމް ޑައިމޯފިން ހުރި ކަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް މި ހުކުމްގަިއ ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކޮށްފައެވެ. އަދި އެ ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް މި މައްސަލައިގައި ހުށައަޅާފައިވާ ހެކިތަކުން އޭނާގެ މައްޗަށް ދައުވާ ސާބިތުވެ، ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށް ލުމުގެ އިތުރުން، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.