ޚަބަރު
ދިވެހި ލިޔުންތެރިކަމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރެއްވި މަޑުލު ވަޙީދު ނިޔާވެއްޖެ

މަޑުލު މުޙައްމަދު ވަޙީދު ---
ދިވެހި ލިޔުންތެރިކަމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރެއްވި މަޑުލު މުޙައްމަދު ވަޙީދަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅާ ނިޔާވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވާފައެވެ.
މަޑުލު ވަޙީދަށް 2019 ވަނަ އަހަރު ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިލައްވާފައެވެ. އެއީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުންނެވެ. މީގެ އިތުރުން، ދައުލަތުގެ މީޑިއާގައި އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަން ކުރައްވާފައިވަނީ ވެސް އެ ބޭފުޅާއެވެ.
މަޑުލު ވަޙީދުގެ ޚިދުމަތް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ 1973 ވަނަ އަހަރެވެ. އެގޮތުން ބޭރުން ކިޔަވާ ވަޑައިގެން މާލެ ވަޑައިގެންނެވުމަށްފަހު ބޭރުގެ ޚަބަރުތައް ދިވެހީންނަށް ގެނެސްދޭން ފެށިއެވެ. އެއީ ބޭރުގެ އެކިއެކި ރޭޑިއޯ ޗެނަލްތަކުން އަޑު އައްސަވައިގެން އެ ޚަބަރުތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމަށްފަހުއެވެ. އެ ބޭފުޅާ މިކަން ކުރެއްވީ ޚަބަރު އަޑުއެހުމަށްފަހު، އެ ޚަބަރުގައި ބުނާ އެއްޗެއް ހަނދާން ނުނެތެނީސް އަވަހަށް ލިޔުއްވައިގެންނެވެ. އެއީ އޭރު އެއް ފަހަރަށް ވުރެ އިތުރަށް އެ ޚަބަރެއް އަޑު އެހޭނެ ގޮތެއް ނޯންނާތީއެވެ.
މަޑުލު ވަޙީދު ވަނީ ހުސްވަގުތުގައި ކުރު ވާހަކަ ލިޔުއްވުމުގެ މަސައްކަތް ވެސް ކުރައްވާފައެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކުރު ވާހަކަތައް، ފޮތްފޮތުގެ ގޮތުގައި ނެރުއްވަން ފެށްޓެވިއެވެ.
އަދި މީގެ އިތުރުން، މަޑުލު މުޙައްމަދު ވަޙީދު ވަނީ ދިވެހިރާއްޖެއާ ބެހޭގޮތުން އެޗް.ސީ.ޕީ ބެލް އިނގިރޭސިބަހުން ލިޔުއްވި މޮނޮގްރާފް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ދިވެހިބަހުގެ އެކެޑަމީއާ ހަވާލުކުރައްވާފައެވެ.
މަޑުލު މުޙައްމަދު ވަޙީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ޑިސެންބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާ (ށ)ގެ އިނގިރޭސި ކާތިބުކަމެވެ. ސަރުކާރުގެ ޚިދުމަތުގައި ވަޙީދު 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެއެވެ.