Ads by Aqeeqa Maldives

ޚަބަރު

އަހަރީފީ އަދި ޖޫރިމަނާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ފަހިކޮށްދެއްވާ، 60 މީހުންނާއެކު އެއްބަސްވުން ހެދިއްޖެ

އަހަރީފީ އަދި ޖޫރިމަނާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ފަހިކޮށްދެއްވާ، 60 މީހުންނާއެކު އެއްބަސްވުން ހެދިއްޖެ

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 އޭޕްރީލު 2025، 02:34

14 އޭޕްރީލު 2025، 02:34

ބޮޑެތި އަދަދުން އަހަރީ ފީއާއި ޖޫރިމަނާ ދައްކަންޖެހޭ ފަރާތްތަކަށް، އެ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅިގެން، މިހާތަނަށް 60 މީހަކާއެކު އެއްބަސްވުން ހަދައި، ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި  ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، މި ފުރުޞަތަށް އެދުނު 125 މީހުންގެ ތެރެއިން 60 މީހުންނާއެކު މިހާރު އެއްބަސްވުން ހަދައި، ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންނާއެކުވެސް ވަރަށް އަވަހަށް އެއްބަސްވުން ހަދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ދެވުނު ވަރަށް ބޮޑު ލުޔެއް،" ވަޒީރު އަމީން ވިދާޅުވިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި މި އުސޫލުގެ ދަށުން ލުއިދީފައިވަނީ އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި 5,000 ރުފިޔާއަށްވުރެ މަތިން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށްޓަކައި، އުސޫލުތަކާއި ގަވާއިދުތައް އިޞްލާޙުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމަކީވެސް މި މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ރައްޔިތުންނަށް އެހީވުމަށް ގެނައި ބަދަލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އުސޫލުގެ ދަށުން، ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމުގައި އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދު އުނިކުރުމަށްފަހުގައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއަށް ލިބިގެންވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS