Ads by Exprox

ޚަބަރު

މާދަމާއިން ފެށިގެން ކުއްޔަކާ ނުލައި ދ. އުއްދޫއަށް ދަތުރުދެވޭނެ ގޮތް ހަމަޖައްސައިފި

މާދަމާއިން ފެށިގެން ކުއްޔަކާ ނުލައި ދ. އުއްދޫއަށް ދަތުރުދެވޭނެ ގޮތް ހަމަޖައްސައިފި

ދ. އުއްދޫ/ފޮޓޯ: ވޮއިސް އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 އޭޕްރީލު 2025، 03:48

14 އޭޕްރީލު 2025، 03:48

ދ. އަތޮޅުގެ ރައްޔިތުން މާދަމާއިން ފެށިގެން އެއްވެސް ކުއްޔަކާ ނުލައި ދ. އުއްދޫއަށް ދަތުރުދެވޭނެ ގޮތް ހަމަޖައްސަވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ދ. އުއްދޫ އަކީ ދަތުރުދާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމާއި ގުޅިގެން، އެރަށް ބެލެހެއްޓުމަށް އެ ވުޒާރާއާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މާދަމާ (15 އޭޕްރީލް 2025) އިން ފެށިގެން ދ. އަތޮޅުގެ ރައްޔިތުން ދަތުރު ދިޔުމަށް އެރަށް ހުޅުވާލެވިފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އުއްދޫއަށް ދަތުރު ދިޔުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހަފްތާ ބަންދު ދުވަސްތަކުގައި ކަމަށެވެ. ހަމަ މިއާއެކު، ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އެރަށަށް ދަތުރުދެވޭނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެއްވެސް ކުއްޔަކާ ނުލައި އުއްދޫއަށް ޕިކްނިކް ދިޔުމުގެ އިންތިޒާމު އެ ވުޒާރާއިން ވަނީ ހަމަޖައްސަވާފައެވެ. 

ހަމަ އެހެންމެ، ދަތުރުދާ ފަރާތްތަކުން ވަކި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސަވަން ބޭނުންފުޅުވާނަމަ ދުރާލާ އެކަން ޙިއްސާކޮށްދެއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އަދި ދަތުރާ ގުޅޭގޮތުން އިތުރު ކަންކަން އޮޅުންފިލުވާ މުޢާމަލާތް ކުރުމަށް 7777848 / 9108899  ނަންބަރަށް ގުޅުއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

ދ. އުއްދޫ އަކީ އެއަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުތެރޭ ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، އެ އަތޮޅު މީދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ  އުސޫލުން ބޭނުންކުރައްވައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS