Ads by Exprox

ޚަބަރު

ޒަކާތު ފަންޑުން ދެވޭ ސްކޮލާޝިޕާއެކު ރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެ: ވަޒީރު ޑރ. ޝަހީމް

ޒަކާތު ފަންޑުން ދެވޭ ސްކޮލާޝިޕާއެކު ރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެ: ވަޒީރު ޑރ. ޝަހީމް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 އޭޕްރީލު 2025، 04:53

14 އޭޕްރީލު 2025، 04:53

ޒަކާތު ފަންޑު މެދުވެރިކޮށް ދެވޭ ސްކޮލާޝިޕާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށް މިއަދު އިޢުލާން ކުރެވުނު 50 ސްކޮލާޝިޕް ހުޅުވާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ޢިލްމުތަކުން ޤައުމަށް މުހިންމު ބޭފުޅުން އުފެދެން ޖެހޭކަމަށާއި، އިސްލާމީ އިދާރާތައް ހިންގާނެ މީހުން އުފެއްދުމަކީ މުހިންމު ކަމެއްކަމަށެވެ. ހަމަ އެހެންމެ، އިސްލާމީ ދަޢުވަތު ދޭ ޢިލްމުވެރިންނާއި އިސްލާމީ ޢިލްމާއެކު ހިންގުމުގެ ދާއިރާގެ މީހުންގެ މުހިންމުކަމުގެ މައްޗަށް ވެސް ވަޒީރުގެ ވާހަކައިގައި ވަނީ އަލިއަޅުއްވާލާފައެވެ. އަދި އިސްލާމިކް ފައިނޭންސިންގ ފަދަ މުހިންމު ދާއިރާތަކުން މީހުން ބޭނުންވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ޤައުމު ކުރިއަށްދާނީ މި ދާއިރާތަކުން މީހުން ބިނާވެގެންކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ޒަކާތު ފަންޑުން ހުޅުވާލާ ސްކޮލާޝިޕްތަކަކީ އިސްލާމީ ދާއިރާއަށް ބޮޑަށް ޚާއްޞަ ކުރެވިފައިވާ ސްކޮލާޝިޕްތަކަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މިކަމަކީ، އިސްލާމީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށާއި، އިސްލާމީ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ދެމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ހުޅުވާލާފައިވާ ސްކޮލާޝިޕްގެ ދަށުން ރާއްޖެއިން ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓަރސް ކޯސްތަކަކަށެވެ. މި 50 ފުރުޞަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުޞަތު ހުޅުވާލެވުނުއިރު ރާއްޖެއިން ބޭރުން 30 ފުރުޞަތަކަށް ވަނީ ހުޅުވާލެވިފައެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުޞަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްޞަ ސްކޮލަރޝިޕްގެ ފުރުޞަތެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS