ޚަބަރު
އއ. ބޮޑުފޮޅުދޫގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ޙަރަކާތެއް ކުރިއަށް ގެންގޮސްފި

އއ. ބޮޑުފޮޅުދޫގައި ކުރިއަށްދިޔަ ފުލުހުންގެ ވޯކް އެންޑް ޓޯކް ޙަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން
އއ. ބޮޑުފޮޅުދޫގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވޯކް އެންޑް ޓޯކް ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހަރަކާތަކީ ރައްޔިތުންނާއި ގާތުން ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގައި އއ. ބޮޑުފޮޅުދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ އެ ރަށުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާ، ރައްޔިތުންނާއި ބައްދަލުކޮށް ތަފާތު މުހިންމު މަޢުލޫމާތުތަކެއް ދީފައެވެ. އެގޮތުން، ރަށުތެރޭގައި ހިނގާ ކުށްތަކުން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ކަންތައްތައް ފުލުހުން ވަނީ ކިޔާދީފައެވެ. ހަމަ އެހެންމެ، ކުށުގެ ވެށީގައި އުޅޭ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެއިން މީހެއްގެ ފަރާތުން އެއްވެސް އުނދަގުލެއް ކުރިމަތިވެއްޖެނަމަ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، މި ޙަރަކާތުގެ ދަށުން ފުލުހުން ވަނީ ފުލުހުންގެ ޚިދުމަތާއި މެދު އެރަށުގެ ރައްޔިތުންގެ ޚިޔާލު ހޯއްދަވާފައެވެ. ހަމަ އެހެންމެ، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންނާ ގުޅިގެން އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެެވެ. އަދި ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ވެސް ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އޮންލައިން ވިޔަފާރިކުރާއިރު ސަމާލުވުމަށާއި، އިންޓަނެޓް ބޭނުންކުރުމުގައި ތިމާއަށް ނޭނގޭ ކަންތައްތައް ގާތް މީހުންގެ ކިބައިން އަހައި އޮޅުންފިލުވުމަށް ފުލުހުން ވަނީ ނަސޭޙަތްތެރިވެފައެވެ. ހަމަ އެހެންމެ، ވަޓްސް އެޕާއި ވައިބަރ ފަދަ މުހިންމު އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ ސެޓިން ހަދާނެ ގޮތް ވެސް ވަނީ ކިޔައިދެއްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ވެސް ވޯކް އެންޑް ޓޯކް ގެ ހަރަކާތްތަކެއް ހިންގައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ހަރަކާތް އެކި ރަށްރަށުގައި ކުރިއަށްދާނެއެވެ.