ކުޅިވަރު
އެފްއޭއެމްގެ މުބާރާތުގައި މިހާތަނަށް ހަތަރު ކްލަބަކުން ބައިވެރިވެއްޖެ

މާޒިޔާގެ ފަރިތަކުރުމުގެ ސެޝަނެއްގެ ތެރެއިން، ފޮޓޯ: މާޒިޔާ
ފުޓުބޯޅަ ސީޒަން ފަސްކުރަން ޖެހުމުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި މަހު 30 ވަނަ ދުވަހު ފެށުމަށް މަސައްކަތްކުރާ މުބާރާތުގައި މިހާތަނަށް ހަތަރު ކްލަބަކުން ބައިވެރިވެފައިވާކަމަށް އެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވިދާޅުވީ، މިހާތަނަށް ހަތަރު ކުލަބަކުން އެ މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ކްލަބުތަކުން މި މުބާރާތުގައި ބައިވެރި ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް އަންގާރަ ދުވަހުގެ ހަވީރު 16:00 އާއި ހަމައަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.
މިހާތަނަށް މުބާރާތުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ވިކްޓްރީ ސްޕޯޓްސް ކުލަބުންނެވެ.
އަދި މާދަމާގެ ސުންގަޑިއާ ހަމައަށް އިތުރު ކްލަބަކުން ބައިވެރި ނުވިނަމަވެސް، މުބާރާތް ކުރިޔަށް ގެންދާނެކަމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.
އެފްއޭއެމްއިން އިތުރު ވާދަވެރި މުބާރާތެއް ބޭއްވުމަށް ނިންމީ ޖޫން/ޖުލައި މަހު ގައުމީ ފުޓްބޯޅަ ޓީމަށް ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނާ އެކު، ފުޓްބޯޅަ ނުކުޅެ ގިނަ ދުވަސްވާތީ ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދުމަށެވެ.