ޚަބަރު
ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް 100 ދަރިވަރަކަށް ހަވާލުކޮށްފި

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ޕީއެސްއެމް
ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕް 100 ދަރިވަރަކަށް ހަވާލުކޮށްފިއެވެ.
މި ސްކޮލަރޝިޕްތައް ހަވާލުކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި ބެހޭ ވަޒީރާއި، އެވުޒާރާގެ އިސްވެރިންނާއި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، އެވުޒާރާގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް އަމާޒަކީ ބިދޭސީން މަސައްކަތް ކުރަމުންދާ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުންކަމަށެވެ. ހަމަ އެހެންމެ، މި ދާއިރާތަކުން މީހުން ބިނާކުރުމަކީ ކުރިމަގަށް ކުރެވޭ އިންވެސްޓްމެންޓެއްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ނިމިދިޔަ އަހަރުތަކުގައި ގިނަ އަދަދެއްގެ ސްކޮލަރޝިޕްގެ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާފައިވާކަމަށެވެ. ނަމަވެސް، މި ސްކޮލަރޝިޕްތަކުގެ ދަށުން އެކި ދާއިރާތަކުން ތަޢުލީމް ހާސިލްކުރަން ފަށާ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރަނީ މަދު ދަރިވަރެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފަށާ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ވަޒީރު ވަނީ ދައރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލި ސްކޮލަރޝިޕްތަކަށް ހޮވިފައިވާ ދަރިވަރުންނަށް ފަންނީގޮތުން ބޭނުންވާ އެހީތެރިކަން ސީއޭ މޯލްޑިވްސްގެ ފަރާތުން ފަހިކޮށްދޭނެ ކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.