ޚަބަރު
އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެންމީހާ ވެސް ނިޔާވެއްޖެ!

އއ. ރަސްދޫ/ފޮޓޯ: ޓްރިޕް އެޑްވައިސަރ
އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން އަނިޔާވި ފިރިހެންމީހާ ނިޔާވެއްޖެއެވެ.
މި މީހާ ނިޔާވެފައިވަނީ އިންޑިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުންދެނިކޮށް މިރޭގެ ވަޤުތެއްގައެވެ. މި މީހާއަށް މީގެ ކުރިން އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދިނުމަށްފަހު، ކޮންމެވެސް ވަރަކަށް ޙާލު ރަނގަޅުވުމުގެ ސަބަބުން، އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، އިންޑިއާއަށް ދިޔުމަށްފަހު ވެސް އޭނާއަށް ކުރި ފަރުވާއިން މާ ބޮޑު ކުރިއެރުމެއް ނުލިބި، މިރޭ ވަނީ ނިޔާވެފައެވެ.
މި ޙާދިސާގައި ފިރިހެން މީހާގެ އިތުރުން ޒަޚަމްވެފައިވަނީ އޭނާގެ އަނބިމީހާއަށެވެ. މި ދެ މީހުންނަށް ވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް ނިމިދިޔަ މާރިޗް މަހުގެ 31 ވަނަ ދުވަހު އަންހެންމީހާ ވަނީ ނިޔާވެފައެވެ. މި ދެ މީހުންނަކީ ވެސް 31 އަހަރުގެ ދެ މީހުންނެވެ. އަލިފާނުގެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އަދި ފިރިހެން މީހާގެ 78 އިންސައްތަ ފިހިފައިވާކަމަށް އައިޖީއެމްއެޗުން މީގެ ކުރިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ މި ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޙާދިސާގެ ތަޙުޤީޤު މިހާރުވެސް ކުރިއަށް ދާކަމަށެވެ.