ޚަބަރު
4000 ފްލެޓް ލިސްޓަށް 2000 އާ ގާތްކުރާ ޝަކުވާ - މުއްދަތު މިރޭ ހަމަވޭ

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހަދާ ފްލެޓްތައް ފޮޓޯ:އެޑިޝަން
4000 ފްލެޓް ލިސްޓާ ގުޅިގެން މިހާތަނަށް 2000 އާ ގާތްކުރާ އަދަދަކަށް ޝަކުވާ ހުށަހަޅާފައިވާކަމަށް ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިރޭ 12:00 އަށް ހަމަވާނެކަމަށްވެސް އެ ވުޒާރާއިން ބުނެފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، މި މަޝްރޫޢުގައި 4000 ފްލެޓް ލިބޭކަމަށް ކަނޑައެޅި ލިސްޓް ރިވިއުކުރުމަށްފަހު، ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 2180 މީހުން ސްކީމަށް ޝަރުތު ހަމަނުވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
2000 އާއި ގާތްކުރާ އަދަދަކަށް ޝަކުވާ ވަނީ ލިބިފައި. ރޯދަމަހުވެސް އަޅުގަނޑުމެންވާނީ ވަރަށް ގިނަ ފޯމުތަކުގެ ޝަކުވާތައް ބަލަން ފަށާފައި. ފޯމުތަކުގެ ބޮޑު ބައެއް ބެލިއްޖެ. ޓަރގެޓަކީ ވީހާވެސް އަވަހަށް ޝަކުވާތައް ބަލާ ނިންމާލުން
ސްޓޭޓް މިނިސްޓަރ ނަޒީމް
ނަޒީމް އިތުރަށް ވިދާޅުވީ، ލިސްޓާ ގުޅިގެން އެންމެ ގިނަ ޝަކުވާތަކެއް ހުރީ މާލޭގައި އުޅެފައިވާ މުއްދަތާ ގުޅިގެންކަމަށެވެ. މި ސްކީމްގެ އުސޫލުގައިވާ ގޮތުން، މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތުކޮށްދިނުމަށް، 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022 އަށް، އެކަމާ ގުޅޭ ތަފްސީލް ޝަކުވާގައި ހިމަނަންޖެހެއެވެ.
ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި އިތުރު ލިޔެކިޔުން ހުށަނޭޅޭނެކަމަށް ނަޒީމް ވިދާޅުވިއެވެ. އެހެންކަމެންކަމުން، ވީހާވެސް ތަފްސީލީ ގޮތެއްގައި މި މަޢުލޫމާތުތައް ޝަކުވާ ފޯމުގައި ލިޔެގެން ހިމެނުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ޝަކުވާ ހުށަހެޅުމަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އަދި [email protected] އަށް މެއިލް ކުރެވޭނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ލިސްޓްގެ މައްސަލަ ބެލުމުގައި ވުޒާރާއިން ބަލާފައިވަނީ 4000 ފްލެޓް ލިބޭނެކަމަށް ކުރީގެ ސަރުކާރުން 15 ނޮވެމްބަރު 2023 ގައި ގެޒެޓުކުރި ލިސްޓަށެވެ.