ދުނިޔެ

މުސްލިމުންގެ ގަބުރުސްތާނަކަށް ދިން ގެއްލުން އިސްލާމްދީނާ ދެކޮޅު ޙަމަލާއެއްގެ ގޮތުގައި ބެލުމަށް ގޮވާލައިފި

މުސްލިމުންގެ ގަބުރުސްތާނަކަށް ދިން ގެއްލުން  އިސްލާމްދީނާ ދެކޮޅު ޙަމަލާއެއްގެ ގޮތުގައި ބެލުމަށް ގޮވާލައިފި

ކާޕެންޑާސް ޕާކް ލޯން ސެމެޓަރީގެ މުސްލިމުންގެ ބައިގައި ހުރި ގަބުރުތަކަށް  ގެއްލުން ދީފައި ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޭޕްރީލު 2025، 04:02

15 އޭޕްރީލު 2025، 04:02

އިނގިރޭސިވިލާތުގެ ވޯޓްފޯޑް ކައިރީގައި ހުންނަ މުސްލިމުންގެ ގަބުރުސްތާނެއްގައި ގަބުރުތަކަށް ގެއްލުން ދީފައިވާ މައްސަލަ އިސްލާމްދީނާ ދެކޮޅު ޙަމަލާއެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ޗެރިޓީ ޖަމްޢިއްޔާއަކުން ބުނެފިއެވެ. މި މައްސަލައަކީ ހަމައެކަނި ވެންޑަލިޒަމްގެ ޢަމަލެއްގެ ގޮތުގައި ނުބެލުމަށް އެ ޖަމްޢިއްޔާއިން ގޮވާލާފައިވެއެވެ.

ކާޕެންޑާސް ޕާކް ލޯން ސެމެޓަރީގެ މުސްލިމުންގެ ބައިގައި ހުރި ގަބުރުތަކަށް  ގެއްލުން ދީފައިވާ ކަމަށާއި، ކުޑަކުދިންގެ ގަބުރުތަކުގެ ފިލާތައްވެސް ހަލާކުކޮށްލާފައިވާ ކަމަށް މޫރ ޕާކް އަދި އީސްޓްބަރީގެ ކައުންސިލަރު އައްބާސް މެރަލީ އޭނާގެ އިންސްޓަގްރާމް ބަޔާނެއްގައި ބުނެފައިވެއެވެ.

"މި ނުބައި ޢަމަލުތަކުގެ ސަބަބުން ހިތާމަކުރަމުންދާ ޢާއިލާތަކަށް ވަރަށް ބޮޑު ވޭނެއް ލިބި، އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ފުން އަސަރެއް ކޮށްފައިވޭ،" މެރަލީ ބުނެފައިވެއެވެ.

ހާޓްފޯޑްޝަޔަރ ފުލުހުންނާ ވާހަކަދައްކާފައިވާ ކަމަށާއި، މި ހާދިސާއަކީ "ސީރިއަސް އަދި ޓާގެޓް ކުރެވިގެން ހިންގާފައިވާ ވެންޑަލިޒަމްގެ ޢަމަލެއް" ގެ ގޮތުގައި ބަލައި، ފުރިހަމަ ތަޙްޤީޤެއް ކުރިއަށްދާ ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ނަމަވެސް، މުސްލިމް ޗެރިޓީ ޖަމްޢިއްޔާއެއް ކަމަށްވާ އަން-ނިސާ ސޮސައިޓީން ބުނެފައިވަނީ މިއީ ހަމައެކަނި ވެންޑަލިޒަމްގެ ޢަމަލެއް ނޫން ކަމަށެވެ. "މިއީ ސާފުކޮށް އިސްލާމްދީނާ ދެކޮޅު ޙަމަލާއެއް، އަދި އެގޮތަށް ރެކޯޑްކުރަންޖެހޭނެ،" އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

މުސްލިމް ކައުންސިލް އޮފް ބްރިޓެންގެ ސެކްރެޓަރީ ޖެނެރަލް ޒާރާ މުޙައްމަދު މި ޙަމަލާ ކުށްވެރިކުރައްވައި، މިއީ "ކަންބޮޑުވާންޖެހޭ" އަދި "ނުބައި" އިސްލާމްދީނާ ދެކޮޅު ޢަމަލެއް ކަމަށް ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށާއި، ކުށްވެރިން ހޯދައި ޢަދުލުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS