ޚަބަރު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ލ. ގަމުގައި ތިމާވެއްޓާއި ސައިންސާއި ބެހޭ ކޯހެއް ފެށުމަށް ނިންމައިފި

ލ. ގަމުގައި ހުންނަ ކެމްޕަހުގައި ތިމާވެއްޓާއި ސައިންސާއި ބެހޭ ކޯސް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ލ. ގަމުގައި ހުންނަ ކެމްޕަހުގައި ތިމާވެއްޓާއި ސައިންސާއި ބެހޭ ކޯހެއް ފެށުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅިގެން، ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއާއި ޤައުމީ ޔުނިވަރސިޓީއާއި ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުހަންމަދު ޒާހިރެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލާރ، ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. ބެޗްލަރ އޮފް ސައިންސްއިން ކްލައިމެޓް ޗޭންޖުގެ ނަމުގައި ކުރިއަށްގެންދާ މި ކޯހަށް ސްކޮލަރޝިޕް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެންދެރި ޕްރޮޖެކްޓުގެ ދަށުންނެވެ.
ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ތިމާވެށި އެންމެ ފުރިހަމަގޮތުގައި ބަލަހައްޓާ، މުސްތަޤުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް މީހުން ބިނާކުރެވޭނެކަމަށެވެ. ހަމަ އެހެންމެ، މި ދާއިރާއަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ ކުރިއަރާފައިވާ އެއް ދާއިރާކަން ފާހަގަކުރައްވާ، އެމްއެންޔޫއިން ވިދާޅުވީ މި ދާއިރާއިން ވީހާވެސް ގިނަ ބަޔަކަށް ޢިލްމު އުނގަންނައިދިނުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން މިދާއިރާއިން ފަންނީ މީހުން އުފެއްދިގެންދާނެ ކަމަށް އެމްއެންޔޫއިން މަޢުލޫމާތުދެއެވެ.
މި އެއްބަސްވުމާއި ގުޅިގެން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ، މިފަދަ މުހިންމު ދާއިރާއަކުން އެކަށީގެންވާ ފަންނީ މީހުން ބިނާކުރެވިފައި ނުވުމަކީ ދުނިޔެއާއި އަދި ވެއްޓާއި މެދު ވެވިފައިވާ ވަރަށް ބޮޑު އިހުމާލެއްކަމަށެވެ. ހަމަ އެހެންމެ، މި ދާއިރާއަށް ގިނަ ޢަދަދެއްގެ މީހުން ހޭލުންތެރިވެގެންދިޔައީ ވަރަށް ފަހުންކަން ޑިރެކްޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މިކަމަށް އެދެވޭ ޙައްލެއް ހޯދާ، ތިމާވެށި ރައްކާތެރިކުރުމަށް ކުރި އޮތް ދުވަސްތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
މިއެއްބަސްވުމުގެ ދަށުން ލ.ގަމުގެ އެމްއެންޔޫ ކެމްޕަހުގައި، ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ކޯސް ހިންގުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުންވަނީ ސްޕޮންސަރކޮށްފައެވެ.