ޚަބަރު
ވައްކަންކުރި މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ޢާންމު ނުކުރުމަށް އެޗްއާރްސީއެމް އިން އިލްތިމާސްކޮށްފި

އެޗްއާރްސީއެމް/ފޮޓޯ: ރާއްޖެ އެމްވީ
ވައްކަންކުރި މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ޢާންމު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމް އިން އިލްތިމާސްކޮށްފިއެވެ.
ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކަށް ކ. މާފުށީގައި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ މިފަހުން ޢާންމުވެފައެވެ. މިކަމާއި ގުޅިގެން އެޗްއާރްސީއެމުން ވިދާޅުވީ، މިފަދަ ވީޑިއޯތައް ޢާންމުކުރުން ފަދަ ނާތަހުޒީބު، ލާއިންސާނީ ޢަމަލުތައް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަން ނުކުރުމަށާއި އަދި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ނުހިންގުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން އެޗްއާރުސީއެމުން ވަނީ، މިފަދަ ޙާލަތްތަކުގައި އެ މައްސަލަތަކާއި މެދު ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. ހަމަ އެހެންމެ، ކަމާގުޅުންހުރި އިދާރާތަކުން ވެސް މިފަދަ މައްސަލަތައް ވީހާވެސް އަވަހަށް ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައްވާފައެވެ. އަދި އެއްވެސް މީހެއް އަނެކާގެ އިންސާނީ ހައްޤާއި، އިންސާނީ ކަރާމާތަށް އަރާނުގަތުމަށް އެޗްއާރުސީއެމުން ވަނީ އެދިފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްހަމަސަލަސްކަން އިސްކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.