ޚަބަރު
މިއަދު ހަވީރު ހަލިމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓް ހިނގި ސަރަޙައްދު/ފޮޓޯ: ވަގުތު
މިއަދު ހަވީރު ހަލިމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސްޑެންޓު ހިނގާފައިވަނީ، މާލެ/ހުޅުމާލެ/ހުޅުލެ ގުޅުވައިދޭ ހަލިމަގުގައެވެ. ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނިކުތް ވޭނަކާއި ހައިވޭއިން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:53 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށާއި ސައިކަލުގައި އިން 6 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ކުޑަކުއްޖާއަށް ޓްރީޓޮޕްގައި ފަރުވާ ދެމުން އަންނައިރު، ސައިކަލު ދުއްވަން އިން މީހާއަށް ފަރުވާ ދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް، އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.