ކުޅިވަރު
ޗެމްޕިއަންސް ލީގު: ކުއާޓާއިން ކެޓި ނަމަވެސް، މިއީ އެ ޓީމުގެ ކްލާސް ކަމުގައި ވިލާއިން އަންގައިދީފި

ވިލާގެ ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު ޓީލަމަންސް އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި 3-2 އިން ފްރާންސްގެ ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) ބަލިކުރުމަށްފަހު، ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތަކީ އެ ކްލަބުގެ ލެވެލް ކަމުގައި އިނގިރޭސިވިލާތުގެ އެސްޓަން ވިލާއިން ހާމަކޮށްދީފިއެވެ.
ޔޫރަޕްގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގައި އެންމެ ފަހުން ވާދަކުރިތާ، އަދި އެ މުބާރާތުގެ ތަށި އުފުލާލިތާ 43 އަހަރު ފަހުން އެސްޓަން ވިލާ މި ލެވެލްގައި ވާދަކުރި ނަމަވެސް، އުނާއި އެމްރޭގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންގައިދިނީ، އެއީ އަދިވެސް ޔޫރަޕްގެ ބޮޑެތި ބާރުތަކުން ޖެހިލުންވާންޖެހޭ ފަދަ ވަރުގަދަ ޓީމެއް ކަމެވެ.
ފުރަތަމަ ލެގު ޕެރިސްގައި ކުޅުނުއިރު، އެސްޓަން ވިލާއިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ޕީއެސްޖީއިން ވަނީ ތިން ގޯލުޖަހާ އެސްޓަން ވިލާ ބަލިކޮށްފައެވެ. އަދި އެސްޓަން ވިލާގެ ވިލާ ޕާކުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް މާޔޫސްކަން ގެނުވީ، މެޗުގެ ކުރީކޮޅު ޕީއެސްޖީއިން ދެ ގޯލުގެ ލީޑެއް ނެގުމުންނެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ މޮރޮކޯގެ އަޝްރަފް ހަކީމީއެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި އެގްރިގޭޓް ސްކޯރ 5-1 އަށް ބަދަލުކުރީ ނޫނޯ މެންޑޭޒްއެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫރީ ޓީލެމަންސްގެ ގޯލަކުން، އެސްޓަން ވިލާއިން އުއްމީދު ގެއްލުނަކަ ނުދިނެވެ. އަދި ދެވަނަ ހާފު ފަށައިގެން 13 މިނެޓުގެ ތެރޭގައި މެޗުގެ ލީޑު އެ ޓީމުގެ ކޮޅަށް އަނބުރާލިއެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ މެކްގިންގެ ގޯލަކުން ހަމަހަމަކުރިއިރު، އޭގެ ދެ މިނެޓު ފަހުން އެޒްރީ ކޮންޒާ ވަނީ ވިލާއަށް ލީޑު ނަގައިދީފައެވެ.
ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ކުރުމަށް މާކަސް ރަޝްފޯޑު އާއި ޓީލެމަންސް އަދި އަދި މާކޯ އެސެންސިއޯ ފޮނުވާލި ހަމަލާތައް ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލޫޖީ ޑޮނަރުއްމާ ދިފާއުކުރުމުން، ފުރަތަމަ ލެގުގެ އިތުރު ވަގުތުގައި ނޫނޯ މެންޑޭޒް ކާމިޔާބުކުރި ގޯލުން މެޗުގެ އެގްރިގޭޓް ސްކޯރ ޕީއެސްޖީ ކޮޅަށް އެނބުރި، އެ ޓީމު ސެމީއިން ޖާގަ ޔަގީންކުރީއެވެ.
ކާމިޔާބުގެ ތެރެއިން އެސްޓަން ވިލާއަށް މާޔޫސްކަން ލިބުނު ނަމަވެސް، އެ ޓީމު މިހާރު އޮތީ ލީގުގެ ޓޭބަލްގައި އަންނަ ސީޒނަގް ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ ހިސާބެއްގައެވެ.