ކުޅިވަރު
ބާސެލޯނާ ބަލިކުރެވުނު ނަމަވެސް، ފުރަތަމަ ލެގުގެ ނަތީޖާ ޑޯޓްމަންޑަށް ހުރަސްއަޅައިފި

ބާސެލޯނާ ކޮޅަށް ހެޓްރިކް ހެދި ޖިރެސީ، ފޮޓޯ: ގެޓީއިމޭޖަސް
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ސްޕެއިންގެ ގަދަބާރު ބާސެލޯނާ 3-1 އިން ބަލިކުރެވުނު ނަމަވެސް، ފުރަތަމަ ލެގުގައި ބޮޑު ތަފާތަކުން ބަލިވުމުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑު ޗެމްޕިއަންސް ލީގުން ކަޓައިފިއެވެ.
މީގެ ހަފްތާއެއް ކުރިން ބާސެލޯނާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުން ޑޯޓްމަންޑު ވަނީ 4-0 އިން ބަލިވެފައެވެ. އަދި ސިގްނަލް އިޑޫނާ ޕާކުގައި ރޭ ކުޅުނު މެޗަށް ޑޯޓްމަންޑުން ނިކުތީ، ބޮޑު ތަފާތަކުން ބާސެލޯނާ ބަލިކުރުރަން ޖެހޭނެކަން އެނގިތިބެއެވެ.
އެހެންކަމުން އެ ޓީމުން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ލީޑު ވެސް ނަގާފައެވެ. ބާސެލޯނާގެ ގޯލްކީޕަރު ވޮޒިއެޗް ޝެޒްނީ ޑޯޓްމަންޑުގެ ޕާސްކަލް ގްރޮބްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން، މެޗުގެ 11 ވަނަ މިނެޓުގައި ސޭހޯ ޖިރެސީ އެ ޓީމަށް ލީޑުނަގައިދިނެވެ.
ޖިރެސީ ޑޯޓްމަންޑުގެ ލީޑު ފުޅާކޮށްދިނީ ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި، ބޮލުންނެވެ. ނަމަވެސް، ޑޯޓްމަންޑަށް ކުރަން ޖެހުނު މަސައްކަތް އިތުރަށް ބުރަވީ، އެ ޓީމުގެ ފުލްބެކް، ރަމީ ބެނެސެބެއިނީ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.
މެޗު ނިމެން 14 މިނެޓަށް ވެފައި ވަނިކޮށް ޗެމްޕިއަންސް ލީގު ހެޓްރިކެއް ބާސެލޯނާ ކޮޅަށް ޖިރެސީ ފުރިހަމަ ކުރިނަމަވެސް، ފުރަތަމަ ލެގުގެ ބޮޑު ސްކޯއާ ގުޅިގެން، ޑޯޓްމަންޑަށް ސެމީ ފައިނަލުން ފުރުސަތެއް ހޯދޭނެ ގޮތެއް ނުވިއެވެ.
މި މުބާރާތުގައި މިރޭ ވެސް ފޯރި ގަދަ މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން ރަށުން ބޭރުގައި ބެޔާން މިއުނިކުން އިންޓާ މިލާންއާ ދެކޮޅަށް 2-1 ނަތީޖާއެއް އަނބުރާލުމަށް ނިކުންނައިރު، ރެއާލް މެޑްރިޑަށް ޖެހޭނީ އާސެނަލްގެ ތަފާތު ބޮޑު ނަތީޖާ ބަދަލުކުރާށެވެ.