ޚަބަރު
ހުޅުމާލެ ފޭސް 2 ގައި އައު މިސްކިތެއް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެޗްޑީސީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލެ ފޭސް 2 ގައި އައު މިސްކިތެއް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެޗްޑީސީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުލާސާ
ހުޅުމާލެ ފޭސް - 2 ގައި އައު މިސްކިތެއް އެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެޗްޑީސީގައި ކުރިއަށްދިޔަ ޚާއްޞަ ބައްދަލުވުމެއްގައެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް ޖަމީލްއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް 2 ގެ ލޮޓު 22386 ގައި 2500 އާއި 3000 ދެމެދުގެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ ބޮޑު މިސްކިތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މި މިސްކިތުގައި މަސައްކަތްކުރާ ކޮންޓްރެކްޓަރު ހަމަޖެއްސުމަށް ހަމަޖެހިފައިވަނީ މިސްކިތް އެޅުމަށް ޚަރަދު ކުރާ ފަރާތުންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މި މިސްކިތް އެޅުމަށް ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސް ދުވަހުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު، އޭސީއާއި އެކު ސޯލާ ޕެނަލްވެސް ހަރުކުރެވިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، މި މިސްކިތް ޑިޒައިން ކުރެވިފައިވަނީ ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށެވެ.