ޚަބަރު
ބޯންމެރޯ ފަރުވާއަށް ފުރާ ތެލެސީމިއާ ކުދިންނާ ޞިއްޙީ ވަޒީރު ބައްދަލުކުރައްވައިފި

ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް/ފޮޓޯ: ޞިއްޙަތާ ބެހޭ ވުޒާރާ
ބޯންމެރޯ ފަރުވާއަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ތިން ކުދިންނާ ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފިއެވެ.
ޞިއްޙަތާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، މިމަހުގެ 20 ވަނަ ދުވަހު ފަރުވާއަށް ފުރުމަށް ހަމަޖެހިފައިވާ 3 ކުދިންނާއި އެކުދިންގެ ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވަޒީރު ނާޒިމް ވަނީ، އެ ކުދިންނާއި ކުދިންގެ ބެލެނިވެރިންނަށް ހިތްވަރުދެއްވާ، ބޯންމެރޯ ފަރުވާއާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
ޞިއްހަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ބޯންމެރޯ ފަރުވާއަށް ފުރުމުގެ ކުރިން ތެލެސީމިއާ ބަލި މީހުން އެޗްއެލްއޭ ޓެސްޓް ހަދަންޖެހެއެވެ. މި ޓެސްޓަކީ ބޯންމެރޯ ޓްރާންސްޕްލާންޓަށް ދިމާވޭތޯ ބެލުމަށް ހަދާ ޓެސްޓެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. އެގޮތުން، މިދިޔަ އަހަރުން ފެށިގެން މި ޓެސްޓް ރާއްޖޭގައި ހެދޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ. މިއާއެކު، މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މޯލްޑިވިއަން ބްލަޑް ސާވިސްގައި ވަނީ މި ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕެއް ބާއްވާފައެވެ.
ތެލެސީމިއާ ބޯން މެރޯ ފަރުވާއަކީ، ތެލެސީމިއާ ބަލީގެ މީހުންނަށް ލޭ އެޅުމުގެ ބަދަލުގައި އާންމު ދިރިއުޅުމެއް އުޅެވޭނެ، ދާޢިމީ ޙައްލެއް ހޯދައިދޭ ފަރުވާއެކެވެ. ނަމަވެސް، މިއީ ޚަރަދު ބޮޑު އަދި ފަންނީގޮތުން ވެސް އުނދަގޫ ފަރުވާއެކެވެ. އެހެންކަމުން، ނިމިދިޔަ އަހަރު ވަނީ ސަރުކާރުގެ ޚަރަދުގައި ޖުމްލަ 14 ކުދިން ބޯންމެރޯ ފަރުވާއަށް ފޮނުވާފައެވެ. މީގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ މިހާރު ވެސް ކުރިއަށްދާއިރު، އަނެއްބައި ކުދިން ވަނީ ފަރުވާ އެއްކޮށް ފުރިހަމަކުރުމަށްފަހު ރާއްޖެ އައިސްފައެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި 3 ކުދިންގެ އިތުރުން، އިތުރު ދެ ކުދިން ވެސް ބޯންމެރޯ ފަރުވާއަށް ފުރުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކު މަދުވެގެން 10 ތެލެސީމިއާ ބަލި މީހުން ބޯންމެރޯ ފަރުވާއަށް ފޮނުވުމެވެ.