ކުޅިވަރު

ޗެމްޕިއަންސް ލީގު: ރެއާލް ކަޓުވާލުމަށްފަހު ސޯޅަ އަހަރު ފަހުން އާސެނަލް ސެމީއަށް

ޗެމްޕިއަންސް ލީގު: ރެއާލް ކަޓުވާލުމަށްފަހު ސޯޅަ އަހަރު ފަހުން އާސެނަލް ސެމީއަށް

އާސެނަލްއަށް ލީޑު ނަގައިދިނުމަށްފަހު ނުކާޔޯ ސަކާ އުފާފާޅުކުރަނީ، ފޮޓޯ: ގެޓީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 އޭޕްރީލު 2025، 07:53

17 އޭޕްރީލު 2025، 07:53

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ރެއާލް މެޑްރިޑު ބަލިކުރުމަށްފަހު، އާސެނަލްއިން ސޯޅަ އަހަރަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. އެ ޓީމު މުބާރާތުގެ ސެމީއިން އެންމެ ފަހުން ފެނުނީ 2008/09 ސީޒަންގައެވެ. އެ ފަހަރު ސެމީއިން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވުމުންނެވެ.

އާސެނަލްއިން ރޭގެ މެޗަށް ނިކުތީ ތިން ގޯލުގެ އެގްރިގޭޓް ލީޑަކާއެކުއެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކީ، ސެންތިއާގޯ ބާނަބެއު ސްޓޭޑިއަމް ފުރާލާފައި އޮތް މެޑްރިޑުގެ ސަޕޯޓަރުންގެ އަޑު ކަނޑުވާލުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ނަމަވެސް ބުކާޔޯ ސަކާގެ ޕެނަލްޓީ ދިފާއުކޮށް، ތިއާބަތު ކޯޓްވާ އެ ޓީމަށް އުއްމީދު އާކޮށްދިނެވެ. 

އަދި ޕެނަލްޓީ ކާމިޔާބު ނުކުރެވުމުގެ ޒިންމާ ނަގައި، މެޗުގެ ދެވަނަ ހާފުގައި ސަކާ ވަނީ އޭގެ އަގު އަދާކޮށްދީފައެވެ. މިކޭލް މެރީނޯގެ ރީތި ޕާހަކުން، ކޯޓްވާ ބޯޅަ ހޯދުމަށް ވެއްޓުނު ވަގުތު އޭނާގެ ބޯ މަތިން ހިއްލާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައި މެޗުގެ 65 ވަނަ މިނެޓުގައި ސަކާ ވަނީ އާސެނަލްއަށް ލީޑު ނަގާދީފައެވެ.

ނަމަވެސް، އޭގެ ދެ މިނެޓުފަހުން ރެއާލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އާސެނަލްގެ ޑިފެންޑަރ ވިލިއަމް ސަލީބާއަށް ހެދުނު ގޯހެއްގެ ބޭނުން ހިފައި، ރެއާލްއަށް އުއްމީދު އާކޮށްދިނީ ވިނީސިއަސް ޖޫނިއަރއެވެ. 

މި ގޯލަށް ފަހު ވެސް ރެއާލްގެ ކިބައިން މެޗު އަނބުރާލެވޭނެ ފަދަ ކުޅުމެއް ފެނިފައެއް ނުވެއެވެ. ނަތީޖާއަކަށްވީ އިތުރު ވަގުތު މާޓިނެލީގެ ގޯލަކުން ދެވަނަ ލެގު ވެސް އާސެނަލްއިން ކާމިޔާބުކޮށް، ސެމީފައިނަލް ޔަގީން ކުރުމެވެ. މިއީ ވެސް މެރީނޯގެ ޕާހަކުން ކާމިޔާބުކުރި ގޯލެކެވެ. 

މިއީ މުބާރާތުގެ ސެމީއާ ހިސާބަށް އާސެނަލް ދަތުރުކުރި ތިން ވަނަ ފަހަރެވެ. 

ސެމީގައި އާސެނަލް ނިކުންނަން ޖެހޭނީ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން، ޕިއެސްޖީއާ ދެކޮޅަށެވެ. މި ސީޒަންގެ ގްރޫޕް ސްޓޭޖުގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މި ދެ ޓީމު ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ އާސެނަލްއެވެ. ނަމަވެސް އޭގެ ފަހުން ޕީއެސްޖީއިން އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށްފިއެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގެކޭ އެއްގޮތަށް، ރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އާސެނަލްގެ ޑެކްލަން ރައިސްއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS