ކުޅިވަރު

ވީއޭއެމް ކަޕް: ތިންވަނަ ސެމީ ކާމިޔާބުކޮށް ޗެމްޕިއަން ވެމްކޯ ފައިނަލަށް

ވީއޭއެމް ކަޕް: ތިންވަނަ ސެމީ ކާމިޔާބުކޮށް ޗެމްޕިއަން ވެމްކޯ ފައިނަލަށް

ހުރާ ޓީމުގެ ކުޅުންތެރިން ވެމްކޯ ކޮޅަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ، ފޮޓޯ: ވީއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 އޭޕްރީލު 2025، 09:10

17 އޭޕްރީލު 2025، 09:10

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރާ ވީއޭއެމް ކަޕްގެ ފައިނަލަށް، ޗެމްޕިއަން ވެމްކޯއިން ދަތުރުކޮށްފިއެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ދެވަނަ ސެމީގައި ޕޮލިސްއާ ދެކޮޅަށް ކުޅެ ބަލިވި ނަމަވެސް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއިން ފުރުސަތު ލިބުމުން ފަހިވި ދެވަނަ ފުރުސަތުގެ ބޭނުން ހިފައިގެނެވެ.

މާލޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ވެމްކޯއިން ނިކުތީ ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށެވެ. އެ ޓީމު މި މެޗުން ފުރުސަތު ހޯދީ، ސެމީގެ ފުރަތަމަ މެޗުގައި ފްލެކްސަރ ސްޕޯޓްސް ކުލަބް ސީދާ ތިން ސެޓުން ބަލިކުރުމަށްފަހުއެވެ.

ރޭގެ މެޗު ކުރިޔަށް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އަދި ވެމްކޯއަށް މެޗު ކާމިޔާބުކުރެވުނީ ވަރަށް އުނދަގޫކޮށް، 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ، ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ތިބި ހުރާ ޓީމުންނެވެ. އެ ޓީމުން މި ސެޓު ގެންދިޔައީ 25-18 ޕޮއިންޓުންނެވެ. 

ދެވަނަ ސެޓުގައި ވެމްކޯއިން ކުޅުން ރަގަޅުކޮށް، ހަމަހަމަ ބަދަލެއް ހިފިއެވެ. ވެމްކޯއިން މި ސެޓު ގެންދިޔައީ، ފުރަތަމަ ސެޓު ހުރާ ޓީމުން ގެންދިޔަ ސްކޯއިން، 25-18 ޕޮއިންޓުންނެވެ.

މެޗުގެ ތިން ވަނަ ސެޓު އަނެއްކާ ވެސް ޗެމްޕިއަނުންނަށް ގެއްލުނެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މި ސެޓު 26-24 ޕޮއިންޓުން ކާމިޔާބުކުރީ ހުރާ ޓީމެވެ.

ހަތަރު ވަނަ ސެޓުން މެޗު ނިންމާލުމަށް ހުރާއަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެ ޓީމުގައި، ވެމްކޯ ޓީމަށް ވުރެ މަދީ، ތަޖުރިބާ ކަމުގައި ބުނެވިދާނެއެވެ. އެގޮތުން ވެމްކޯގެ ތަޖުރިބާ ހުރި ކުޅުންތެރިންގެ ހިތްވަރުން، މި ސެޓު ފަހަތުން އަރައި 26-24 ޕޮއިންޓުން ކާމިޔާބުކޮށް، ގަދަ ހިފުމަކަށް ދިޔައެވެ.

އަދި ހުރާ ޓީމުގެ ވަރުބަލިކަން އިތުރުވި ވަގުތު، ވެމްކޯއިން އިތުރަށް ހިތްވަރުކޮށް ފަހު ސެޓު 15-10 ޕޮއިންޓުން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ދެ ޓީމުގެ ކޯޗުން ވެސް ތަޖުރިބާގެ ވާހަކަ ވަރަށް ބޮޑަށް ފާހަގަކުރިއެވެ. 

އެގޮތުން ހުރާ ޓީމުގެ ކޯޗު މުހައްމަދު ނަދީމް ބުނީ، އެ ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ބަލިކުރެވުނީ ތަޖުރިބާއިން ކަމަށެވެ. އެހެންނަމަވެސް ކުޅުންތެރިން ކުރި ހިއްވަރަށް ސާބަސް ދެމުން ނަދީމް ބުނީ މި ލިބުނު ތަޖުރިބާގެ އަލީގާ ލީގަށް ނުކުންނައިރު ކަންކަންވަރަށް ބޮޑަށް ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށާއި ކުރިއަށްއޮތް ދެތިން ދުވަހުވެސް ކުރާނީ އެ މަސައްކަތް ކަމަށެވެ.

ކުލަބް ވެމްކޯގެ ކޯޗު އަހުމަދު އަދީލް ބުނީ މެޗުން މޮޅުވުން ހުރާ ޓީމަށް ހައްގުކަމަށާއި ހުރިހާ ގޮތަކުން ބެލިކަމުގަވިޔަސް ހުރާ ޓީމު ތަފާތު ކަމަށެވެ. މިއީ އުނދަގުލުން ހޯދި މޮޅެއް ކަން ފާހަގަކުރަމުން އަދީލް ބުނީ ފައިނަލަށް ނުކުންނައިރު އެންމެ ބޮޑަށް މަސައްކަތް ކުރާނީ ކުޅުންތެރިންގެ ފިޓްނަސްއަށް ކަމަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރެއެވެ. މި މެޗުގައި ވެމްކޯ ނުކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS