Ads by Aqeeqa Maldives

ޚަބަރު

ނައިފަރު ޤުރުއާން ކްލާސް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނައިފަރު ޤުރުއާން ކްލާސް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝައިޚް ނާޒިލް އިންސްޓިޓިއުޓް" ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 އޭޕްރީލު 2025، 08:38

17 އޭޕްރީލު 2025، 08:38

ޅ. ނައިފަރު ޤުރުއާން ކްލާސް ވަޤުފް ފަންޑުގެ އެހީގައި ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ނައިފަރަށް ނިސްބަތްވާ އަމިއްލަ ފަރާތެއް ކަމުގައިވާ އައްޝައިޚް އަހުމަދު ނާޒިލް ހިންގަމުން އަންނަ "ޝައިޚް ނާޒިލް އިންސްޓިޓިއުޓް" އިން ވަނީ ގިނަ އަދަދެއްގެ ޙާފިޒުން އުފައްދާފައެވެ. އެގޮތުން މި ފަހުން ބޭއްވި ޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާގައި މި އިންސްޓިއުޓްގެ 4 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އަދި އިތުރު 8 ދަރިވަރަކު މި އަހަރު ހިފްޒުކޮށް ނިމޭނެކަމަށް  ޝެއިޙް ނާޒިލް ހާމަކޮށްފައިވެއެވެ.

އެ އިންސްޓިޓިއުޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް މުތީޢު އިސްމާއިލެވެ. މި އެއްބަސްވުމުގެ ދަށުން އެ އިންސްޓިޓިއުޓްގައި ކްލާސް އިތުރުކުރުމާއެކު އިތުރު ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރެއްވުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން ސަރުކާރުގެ އިދާރާތައް ފިޔަވައި އަމިއްލަ ފަރާތްތަކުން ހިންގާ ޤުރުއާން ކްލާސްތަކުގައިވެސް ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް އެ ވުޒާރާއިން ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މި އިންސްޓިޓިއުޓްގެ ޚިދުމަތް ފުޅާކުރުމަށް އެއްބަސްވެފައިވާއިރު، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ނާޒިލް ވިދާޅުވީ، 2020 ވަނަ އަހަރު ފެށި ޤުރުއާން ކްލާސް ހިންގަމުން އަންނަ އިމާރާތް ބޭނުންނުކުރެވޭ ވަރަށް މިހާރު ބާވެފައިވާކަމަށެވެ. އަދި ޤުރުއާން ކްލާސްތަކަކީ މާބޮޑު މާލީ މަންފާއެއް ލިބޭ ތަނަކަށް ނުވާތީ ބޮޑެތި ޚަރަދުކޮށްގެން ގަވާއިދުތަކާ އެއް ފެންވަރަށް އެފަދަ ތަންތަން ތަރައްގީކޮށް ހިންގުމަކީ ޤުރުއާން ކިޔަވައިދޭ ފަރާތްތަކަށްވެސް ތަކުލީފެއް ކަމަށާއި ސަރުކާރުން އެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ޤުރުއާން ކްލާސްތަކަށް އެހީތެރިވާން ފެއްޓެވުމުން ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފެތުރިގެންދާނެ ކަމަށާއި މިއީ ރައްޔިތުން ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS