ޚަބަރު
މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރެއް، ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވާ: ފަހުމީ

ސްޓެލްކޯ ފޮޓޯ: ކޮރަލްގްލާސް މާކެޓް
ރާއްޖެއަށް ކުރިމަތިވެފައިވާ ހޫނު މޫސުމާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެޢިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހުގެ މެންދުރުފަހު 3:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. އަދި މިއަދު މެންދުރު 1:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށްވެސް ފަހުމީ ފާހަގަކުރެއްވިއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރައްވައި، އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ފަހުމީ ވިދާޅުވިއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ވަނީ ފާހަގަކުރެވިފައި. އެހެން ކަމުން އަޅުގަނޑުމެން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން. ހާއްސަކޮށް އޭސީ ފަދަ…
— Hussain Fahmy (@HussainFahmy09) April 19, 2025
"ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން،" ފަހުމީ ވިދާޅުވިއެވެ.
އަދި އެންމެން މިކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއްކަމަށް ފަހުމީ ވިދާޅުވިއެވެ.
ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރުމަށް ފަހުމީ ވަނީ އިލްތިމާކުރައްވާފައެވެ.