ދުނިޔެ
ޓްރަމްޕް ވެބްސައިޓެއް ހަދާ ކޮވިޑް-19 ގެއަސްލަކީ ޗައިނާކަމަށްބުނެ ޑަބްލިޔުއެޗްއޯއަށް ފާޑުކިޔައިފި

ޑޮނަލްޑް ޓްރަމްޕްގެ ކޮވިޑް ވެބްސައިޓް ފޮޓޯ:އިންޓަނެޓް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއިން ހުކުރު ދުވަހު ކޮވިޑް-19 އާ ގުޅޭ ވެބްސައިޓެއް ފަށައިފިއެވެ. މި ވެބްސައިޓުގައި ކޮރޯނާ ވައިރަސްގެ އަސްލަކީ ޗައިނާގެ ލެބޯޓަރީއަކުން ލީކްވުން ކަމަށް ބުނެފައިވާއިރު، ކުރީގެ ޑިމޮކްރެޓިކް ރައީސް ޖޯ ބައިޑަން އާއި، ކުރީގެ އިސް ސިއްހީ އޮފިޝަލް އެންތޯނީ ފައުޗީ އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އަށް ފާޑުކިޔާފައިވެއެވެ.
މި ވެބްސައިޓުގައި އިޖްތިމާއީ ގޮތުން ދުރުހެލިވުމާއި، މާސްކު އެޅުން މަޖުބޫރުކުރުމާއި، ލޮކްޑައުންފަދަ ފިޔަވަޅުތަކަށްވެސް ފާޑުކިޔާފައިވެއެވެ. ޓްރަމްޕް ރިޔާސަތާ ހަވާލުވި ޖެނުއަރީ މަހު، ޑަބްލިޔުއެޗްއޯގެ އެންމެ ބޮޑު މާލީ އެހީތެރިޔާ ކަމުގައިވާ ޔޫއެސް، އެ ޖަމްއިއްޔާއިން ވަކިވުމުގެ 12 މަސްދުވަހުގެ މަސައްކަތް ފެށިއެވެ.
ފައުޗީ، ބައިޑަން އަދި ޑަބްލިޔުއެޗްއޯ އިން މިކަމާ ގުޅޭގޮތުން ވަގުތުން އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ. ޓްރަމްޕް ރިޔާސަތާ ހަވާލުވުމަށްފަހު، ޤައުމުގެ ކޮވިޑް-19 އަށް އިޖާބަދިނުމުގައި އިސްދައުރެއް އަދާކޮށް، އެކި ބާވަތުގެ އިންޒާރުތަކާ ކުރިމަތިލާންޖެހުނު ފައުޗީ އަށް އަމިއްލަ ސެކިއުރިޓީ ހޯދުމަށް ބުނެ، އޭނާގެ ސަލާމަތީ ރައްކާތެރިކަން ހުއްޓާލިއެވެ.
ސީއައިއޭގެ ތަރުޖަމާނެއް ޖެނުއަރީ މަހު ބުނެފައިވަނީ، ކޮވިޑް-19 ބަލިމަޑުކަން ފެތުރުނީ ޤުދުރަތީ ގޮތަކަށްވުރެ ބޮޑަށް ލެބޯޓަރީއަކުން ކަމަށް ސީއައިއޭ އިން ދެކޭ ކަމަށެވެ. ނަމަވެސް މި ދެކުމުގައި "ދަށް އިތުބާރެއް" އޮތް ކަމަށާއި، ލެބޯޓަރީއަކުން ފެތުރުނު ކަމަށާއި ޤުދުރަތީ ަތީ ގޮތަކަށް ފެތުރުނު ކަމަށް ބެލެވޭ ދެ ސިނާރިއޯވެސް އެކަށީގެންވާ ކަމަށް ސީއައިއޭ އިން ބުނެފައިވެއެވެ.
ޗައިނާގެ ސަރުކާރުން ބުނެފައިވަނީ ކޮވިޑް-19 ގެ އަސްލު ދެނެގަތުމަށް ކުރެވޭ ދިރާސާތަކަށް އެހީތެރިވެ، އެކަމުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި ޚާއްސަކޮށް ޔޫއެސްގެ އިންޓެލިޖެންސް އޭޖެންސީތަކުން ތަހުގީގު ކުރަމުންދާތީ، މި މައްސަލަ ސިޔާސީ ކުރަމުންދާ ކަމަށް ވޮޝިންގްޓަނަށް ތުހުމަތު ކޮށްފައިވެއެވެ.