ޚަބަރު
ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ވިޔަފާރި ހަލުވިކޮށް ފަސޭހަކުރުމަށް "ޓްރޭޑިއަން" ތަޢާރަފުކޮށްފި

ޓްރޭޑިއަން
ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާ ގުޅިގެން ރާއްޖޭގެ ބައިނަލްއަޤްވާމީ ވިޔަފާރި އެއް ޑިޖިޓަލް ވިންޑޯއަކުން ކުރެވޭނެ "ޓްރޭޑިއަން" ނަމަކަށް ކިޔާ ނިޒާމެއް މިއަދު ތަޢާރަފުކޮށްފިއެވެ. މި ނިޒާމުގެ ފުރަތަމަ ފިޔަވަހި މިއަދު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
ޓްރޭޑިއަންއަކީ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިއާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ހުށަހެޅޭނެ ޑިޖިޓަލް ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ކުރިން ގިނަ އިދާރާތަކަކާ މުޢާމަލާތްކޮށްގެން ކުރަންޖެހޭ ކަންކަން އެއް ތަނަކުން ކުރެވޭނެއެވެ. މީގެ ސަބަބުން ވިޔަފާރިއާ ގުޅޭ މުޢާމަލާތްތައް ހަލުވިވެ، މުޅި ނިޒާމުގެ ހަރުދަނާވެގެންދާނެއެވެ.
Tradian will be officially activated on April 20, 2025.
— Tradian (@tradianmv) April 17, 2025
From this date, key trade services will be processed digitally through Tradian.
The key trade agencies in Phase 1 are @MoTCAmv, @CustomsMv, @Portmv, @MoEDmv, and @MoCImv.
🔗 Press Release: https://t.co/j3UxusWryJ pic.twitter.com/K5LFVAY1ms
ކުރިން މާލޭ ބަނދަރުގައި މުދާ ހުންނަ މުއްދަތު އެވްރެޖްކޮށް 8 ދުވަހަށް ދިގުލައިގެންދިޔަ ނަމަވެސް، މި ނިޒާމުގެ ސަބަބުން އެ މުއްދަތު ބައިނަލްއަޤްވާމީ މިންގަނޑު ކަމުގައިވާ 5 ދުވަހަށް ކުރުކުރެވޭނެ ކަމަށް ބެލެވެއެވެ. ޓްރޭޑިއަންގެ ޒަރީއާއިން އުޅަނދުފަހަރުގެ އީޓީއޭ، މެނިފެސްޓް އަދި އިލެކްޓްރޯނިކް ޑެލިވަރީ އޯޑަރުފަދަ ލިޔެކިޔުންތައް ރިއަލްޓައިމްކޮށް ޕްރޮސެސްކުރެވޭނެއެވެ. އަދި ފައިސާ ދެއްކުމާއި އިމްޕޯޓް/އެކްސްޕޯޓް ލައިސަންސްތަކާއި ހުއްދަތައް ހޯދުމުގެ މަސައްކަތްވެސް މި ނިޒާމުގެ ތެރެއިން ކުރެވޭނެއެވެ.

ޓްރޭޑިއަން ޕްލެޓްފޯމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްރޭޑިއަންގެ ފުރަތަމަ ފިޔަވަހީގައި ރާއްޖެއަންނަ ބޭރުގެ އުޅަނދުފަހަރު ރަޖިސްޓަރީކުރުމާއި، ކަނޑުމަގުން އަންނަ މުދަލުގެ މެނިފެސްޓް ހުށަހެޅުމާއި، އޮންލައިންކޮށް ފައިސާ ދެއްކުންފަދަ މުހިންމު ޚިދުމަތްތައް ތަޢާރަފުކޮށްފައިވެއެވެ. 2025 ގެ ފަހުކޮޅު ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ދެވަނަ ފިޔަވަހީގައި ކަސްޓަމްސްއާއި ވައިގެ މަގުން އަންނަ މުދަލުގެ މެނިފެސްޓް ހުށަހެޅުމާއި، އިތުރު ހުއްދަތަކާއި ޑިއުޓީ މަޢާފުކުރުމުގެ ޚިދުމަތްތައް ތަޢާރަފުކުރެވޭނެއެވެ.
ޓްރޭޑިއަންގައި ހިމެނޭ ސަލާމަތީ ފިޔަވަޅުތަކުގެ ތެރޭގައި ޑޭޓާ އެންކްރިޕްޓްކުރުމާއި ސިސްޓަމް އޯޑިޓްކުރުން ހިމެނެއެވެ. މިއީ ވިޔަފާރިއާ ގުޅޭ މުހިންމު މަޢުލޫމާތުތައް ރައްކާކުރެވޭ މަރުކަޒީ ނިޒާމަކަށްވާތީ، މި ފިޔަވަޅުތަކަކީ ވަރަށް މުހިންމު ކަންކަމެވެ.
ޓްރޭޑިއަން ތައްޔާރުކުރުމުގައި އިމްޕޯޓް އެކްސްޕޯޓް ކުރާ ފަރާތްތަކާއި، ޝިޕިންގ އޭޖެންޓުންނާއި، ކަސްޓަމްސް ބްރޯކަރުންނާއި، ކޫރިއަރ އޭޖެންޓުންފަދަ އަމިއްލަ ފަރާތްތަކުގެ ޚިޔާލު ހޯދާފައިވެއެވެ. މި ނިޒާމުގެ ސަބަބުން ވިޔަފާރިތަކަށް ކަސްޓަމްސް ކްލިއަރެންސް އަވަސްވެ، ކަރުދާހުގެ ބޭނުން މަދުވެ، ރިއަލްޓައިމްކޮށް މުދާ ޓްރެކްކުރެވި، ޚަރަދުތައް ކުޑަވެގެންދާނެއެވެ.
މި ނިޒާމުގެ ސަބަބުން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓާއި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ އެފްއޭއެލް ކޮންވެންޝަންފަދަ ބައިނަލްއަޤްވާމީ އޮނިގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފަސޭހަވެގެންދެގެންދާނެއެވެ.
ކުރިއަށް އޮތްތަނުގައި ޓްރޭޑިއަން އިތުރަށް ތަރައްޤީކޮށް، އިތުރު ސަރުކާރުގެ ނިޒާމުތަކާ ގުޅުވައި، ޤައުމީ އީ-ލޮޖިސްޓިކްސް ޕްލެޓްފޯމެއް ތަރައްޤީކޮށް، ސަރަޙައްދީ ފެންވަރުގައި ބޯޑަރު ހުރަސްކޮށް ޑޭޓާ ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.
މި ނިޒާމު ހިންގައި، އިތުރަށް ތަރައްޤީކޮށް، މާލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކުރިމަގުގައި އިތުރު އައު ކަންކަން ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުންނެވެ.