ވިޔަފާރި / ޚަބަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދުވިނަ އެކްސްޕޯޓްކުރުމުގެ މަޝްރޫޢު އެއްފަށައިފި

ރާއްޖޭގައި ހައްދާ މޫދުވިނަ މަސްވެރިކަމާއި ބެހޭ ވަޒީރު ބައްލަވާލެއްވުން ފޮޓޯ:ވުޒާރާ
ބ. ފެހެންދޫގައި އަމިއްލަ ފަރާތަކުން މޫދުވިނަ އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް މަޝްރޫޢެއް ފަށައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ މަސައްކަތެއް ފެށުނު ފުރަތަމަ ފަހަރެވެ. "ފްލޯޓިން އޭކަރސް" ނަމަކަށް ކިޔާ ކުންފުންޏަކުން ފަށާފައިވާ މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު މުއްޠަލިބު ވިދާޅުވީ، މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ވަޞީލަތްތަކުން ނަފާ ހޯދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. މި ސިޔާސަތުގެ ދަށުން ދިވެހި ކަނޑުތަކުގައި މެރިކަލްޗަރގެ ދިރުންތައް އާލާކޮށް، އެކްސްޕޯޓްކުރުމުގެ މަގު ފަހިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް އިޤްތިޞާދީ ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރަތަމަ… pic.twitter.com/NMYqnIzxz0
— Ministry of Fisheries and Ocean Resources (@MFORmv) April 20, 2025
މުއްޠަލިބު ވިދާޅުވީ ފްލޯޓިން އޭކަރސް ކުންފުނިން ހައްދަމުންދަނީ ކާތަކެތި ތައްޔާރުކުރުމާއި ބޭހާއި ކޮސްމެޓިކްސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މޫދު ވިނައިގެ ބާވަތެއް ކަމަށެވެ. އަދި ވިނަ ހިއްކުމަށްފަހު އެކްސްޕޯޓްކުރާނެކަމަށާއި، އިންޑިޔާގެ މާކެޓަކުން މިހާރުވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން އިޤުތިޞާދީ ގޮތުން ވަރަށް ބޮޑަށް މަންފާ ކުރާނެކަމަށް މުއްޠަލިބު ވިދާޅުވިއެވެ. އެގޮތުން ރަށްރަށް ކައިރީގައި މޫދު ވިނަ ހައްދާއިރު، ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާ ލިބޭނެކަމަށާއި، މިހާރުވެސް ފެހެންދޫގެ 20 މީހަކަށް ވަޒީފާ ލިބިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ މޫދު ވިނައިގެ މާކެޓުގެ 98 އިންސައްތަ ހިއްސާކުރަނީ އޭޝިޔާ ބައްރުން އުފައްދާ މޫދު ވިނައަށެވެ. ހިއްކި މޫދު ވިނައިގެ ކިލޯއެއްގެ އަގަކީ ގާތްގަނޑަކަށް 1.8 ޑޮލަރެވެ.
ރާއްޖޭގައި މެރިކަލްޗަރގެ ދާއިރާ ފުޅާކުރެއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށާއި، މެރިކަލްޗަރގެ މަޝްރޫޢުތައް ހިންގަން ބޭނުންވާ އިންވެސްޓަރުންނަށް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުރުޞަތުދެއްވާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.