ޚަބަރު
އެމްޓީސީސީން 60 ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

ތުރާކުނު މިސްކިތް އިމާރާތް ކުރުން ފޮޓޯ:އެމްޓީސީސީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަޑާންކުރުމާއި ރޭނުމުގެ މަސައްކަތް ހިމެނޭ ގޮތަށް 60 މުވައްޒަފުން ހޯދުމަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މުވައްޒަފުން ހޯދަނީ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ. މި ފުރުސަތުތަކަށް ހީވާގި އަދި މަސައްކަތަށް ޝައުޤުވެރިކަން ހުރި ދިވެހިން ކުރިމަތިލުމަށް އެ ކުންފުނިން ގޮވާލައްވާފައިވެއެވެ.
ހުޅުވާލާފައިވާ މަޤޤާމުތަކުގެ ތެރޭގައި ޓެކްނިކަލް އެސިސްޓެންޓްގެ 20 މަޤާމާއި، ކާޕެންޓަރުގެ 20 މަޤާމު އަދި މޭސަންގެ 20 މަޤާމު ހިމެނެއެވެ. ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް އަސާސީ ތަޢުލީމު ހާސިލުކޮށްފައިވާ ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިލެވޭނެއެވެ. ނަމަވެސް ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް ކުރިމަތިލެވޭނީ އެ ދާއިރާއިން ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
މުސާރައިގެ ގޮތުގައި ޓެކްނިކަލް އެސިސްޓެންޓަށް 10,000 ރުފިޔާ، ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް 11,400 ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން އިތުރުގަޑީގެ ފައިސާ، މެޑިކަލް އިންޝުއަރެންސް، ޕެންޝަން ސްކީމް އަދި ކެއުމާއި ހުރުމުގެ އިންތިޒާމުވެސް ހަމަޖައްސައިދޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެފައިވެއެވެ.
މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.