ދުނިޔެ
18 އަހަރުގެ އައިވީއެފް ފަރުވާޔަށްފަހު ލިބުނު ހަމައެކަނި ދަރިފުޅު މަންމަގެ އުނގު ފަޅުކޮށް ޝަހީދުވެއްޖެ

18 އަހަރަށްފަހު ލިބުނު ދަރިފުޅުގެ ޖަނާޒާ
ޣައްޒާގެ އަންހެނަކު 18 އަހަރުވަންދެން އައިވީއެފްގެ ފަރުވާހޯދައި ލިބުނު ހަމައެކަނި ދަރިފުޅު އިޒްރާއިލުން ދިން ހަމަލާއެއްގައި ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ނޫސްވެރިޔާ މުޢުތަސިމް އަޙްމަދު ދަލޫލް އެނާގެ އެކްސްގައި ހިއްސާ ކޮށްފައިވާ މިވިޑީއޯގައި އެއަންހެން މީހާ އޭނާގެ ދަރިފުޅުގެ ޝަހީދުވެފައިވާ ހަށިގަނޑު ކައިރީގައި ހުރެ ރޯމަންޒަރު ފެނިގެންދެއެވެ.
“ގަދަކަމުން ފަލަސްޠީނުގެ ބިމަށް އަރައިގަނެގެންތިބި އިޒްރާއިލް ސިފައިންގެ ހަމަލާއަކުން މިއަންހެންމީހާގެ ހަމައެކަނި ދަރިފުޅު ޝަހީދުކޮށްލައިފި، ހިތްކުދިކުދިވެފައިވާ ފަލަސްޠީނުގެ މަންމައެއް އޭނާގެ ހަމައެކަނި ދަރިފުޅު ކިނާންއަށް ވަދާއީ ސަލާމް ކިޔައިފި، ޚާންޔޫނިސްގެ މީހުން ދިރިއުޅޭ އިމާރާތަކަށް އިޒްރާއިލްގެ ޢަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ކިނާން ޝަހީދުކޮށްލައިފި، ކިނާން އުފަންވީ އެނާގެ މަންމަ ދަރިއެއް ހޯދުމަށް އައިވީއެފްގެ ފަރުވާ ހޯދާތާ 18 އަހަރުން ފަހުން ލިބުނު ކުއްޖެއް، ކިނާން އަށްޓަކައި އޭނާގެ މަންމަ 700އިންޖެކްޝަން ޖަހައިފައިވޭ” މުޢުތަސިމްގެ ޕޯސްޓުގައި ލިޔެފައިވެއެވެ.
ކިނާންގެ ޝަހީދުވެފައިވާ ހަށިގަނޑުގެ ކައިރީގައި ތިބި މީހުން ހިތްކުދިކުދި ވެފައިވާ ކިނާންގެ މަންމަ އަށް ހިތްވަރު ދިނުމުގެ ގޮުތުން ހެޔޮދުޢާގެ ބަސްތައް އިއްވަމުންދިޔައެވެ.
“އެދަރިފުޅު ވާނީ ޖަންނަތުގައި ތިބާގެ ޝަރަފަށް” އެކަކު ބުނާއަޑު އިވެއެވެ.
މިފަދަ މަންޒަރުތަކާ އަޑުތަކަކީ ކޮންމެދުވަހަކުހެން ފެންނަ މަންޒަރުތަކެވެ. ކޮންމެ ދުވަހަކުހެން އިވޭ އަޑުތަކެކެވެ. ޣައްޒާގެ މައިން އެމީހުންެގެ ޝަހީދުވެފައިވާ ތުއްތުި ކުދިންނަށް އެންމެ ފަހުގެ ސަލާމް ކުރާ މަންޒަރުތަކަކީ ހިތްތަށް ކުދިކުދި ކޮށްލާ ފަދަ މަންޒަރުތަކެކެވެ.