ކުޅިވަރު

ލިވަޕޫލްއާ ލީގު ތައްޓާ ދެމެދު މިހާރު އޮތީ ތިން ޕޮއިންޓުގެ ދުރުމިނެއް

ލިވަޕޫލްއާ ލީގު ތައްޓާ ދެމެދު މިހާރު އޮތީ ތިން ޕޮއިންޓުގެ ދުރުމިނެއް

ލެސްޓަރ ސިޓީ ކޮޅަށް ގޯލު ޖެހުމަށްފަހު އާނޯލްޑް އުފާފާޅުކުރަނީ ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޭޕްރީލު 2025، 06:59

21 އޭޕްރީލު 2025، 06:59

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލިވަޕޫލްގެ ފުލްބެކް، އެލެކްސެންޑަރ އާރނޯލްޑްގެ ގޯލަކުން އެ ޓީމު 1-0 އިން ލެސްޓަރ ސިޓީ ބަލިކޮށް، ލީގު ތައްޓާއި 3 ޕޮއިންޓު ކައިރިއަށް ޖެހިލައިފިއެވެ. އަދި މި ނަތީޖާއާއެކު ލެސްޓަރ ވަނީ ރެލިގޭޓްވެފައެވެ. 

ލެސްޓަރގެ ކިންގް ޕަވާރ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލިވަޕޫލްއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި އެ ޓީމުގެ މުޙައްމަދު ސަލާޙް އާއި ޑިއެގޯ ޖޯޓާގެ ހަމަލާތަކަކަށް ގޯލުގެ ދަނޑިތައް ހުރަސްއެޅިއިރު، ލެސްޓަރގެ ގޯލްކީޕަރު މެޑްސް ހާމެންސެން ވަނީ އެ ޓީމުގެ ގިނަ ހަމަލާތަކެއް ދިފާއު ވެސް ކޮށްފައެވެ.

މި ނަތީޖާއާއެކު މި އަންނަ ހަފްތާގެ އާދީއްތަ ދުވަހު ލިވަޕޫލްގެ އެންފީލްޑްގައި އެ ޓީމާއި ޓޮޓެންހަމް ހޮޓްސްޕަރ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްފިނަމަ، ލިވަޕޫލްއަށް ތަށި ޔަގީންވާނެއެވެ. އަދި އޭގެ ކުރިން ބުދަ ދުވަހުގެ ރޭ އާސެނަލް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރާ މެޗު އާސެނަލްއަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ ވެސް ލިވަޕޫލްއަށް ތަށި ޔަގީންވާނެއެވެ.

މި މެޗަށްފަހު ލެސްޓަރ ރެލިގޭޓްވެފައިވާއިރު، އަމިއްލަ ދަނޑުގައި އެ ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވޭތާ މިހާރު 9 މެޗު ހަމަވީއެވެ. އެގޮތުން މިހާރު ލެސްޓަރ ސިޓީއަކީ ޕްރިމިއާރ ލީގުގައި އަމިއްލަ ދަނޑުގައި ގޯލެއް ކާމިޔާބު ނުކުރެވި އެންމެ ގިނަ މެޗު ކުޅުފައިވާ ޓީމެވެ. އެންމެ ފަހުން އަމިއްލަ ދަނޑުގައި ލެސްޓަރ ގޯލެއް ކާމިޔާބު ކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 8 ގައެވެ.

ރުޑް ވޭން ނިސްޓެލް ރޯއީގެ ބެލުމުގެ ދަށުން ލެސްޓަރއިން މިހާތަނަށް 20 މެޗު ކުޅެފައިވާއިރު އެ ޓީމަށް ހޯދުނީ 8 ޕޮއިންޓެވެ. އެހެންކަމުން ސީޒަނަށްފަހު ނިސްޓެލްރޯއީގެ ވަޒީފާ ގެއްލުމަކީ ވެސް އެކަށީގެންވާކަމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS