Ads by Aqeeqa Maldives

ޚަބަރު

އިސްކަންދަރު ސްކޫލުގެ ބައެއް ދަރިވަރުންގެ ބޯ ކޮށި މައްސަލަ ތަޙްޤީޤަށް

އިސްކަންދަރު ސްކޫލުގެ ބައެއް ދަރިވަރުންގެ ބޯ ކޮށި މައްސަލަ ތަޙްޤީޤަށް

ނިޢުމާތު ޝަފީގް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2025، 02:54

21 އޭޕްރީލު 2025، 02:54

އިސްކަންދަރު ސްކޫލުގައި ފާއިތުވި ހޮނިހިރު ދުވަހު ބޭއްވުނު  ގްރެޖުއޭޝަން ރަސްމިއްޔާތަށް ހާޒިރުވި ބައެއް ދަރިވަރުންގެ ބޯ ކޮށި ކަމަށް ބުނާ މައްސަލަ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭޕްރިލް 12 ވަނަ ދުވަހުގެ ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވުނު ގްރެޖުއޭޝަން ރަސްމިއްޔާތަށް ހާޒިރުވި ދަރިވަރުންތަކަކާމެދު އެ ސްކޫލުގެ ޓީޗަރުންތަކެއް ޢަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އެ އޮފީހަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ކުޑަކުދިންނަކީ ޢާއިލާގެ ފަރާތުންނާއި، ޖަމާޢަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކާއި، ދައުލަތާއި، ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކުގެ މައްޗަށް އޮތް ޒިންމާތަކާ އަދި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އުޞޫލުތައް ކަނޑައަޅާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނެފައިވަނީ ތަޢުލީމުގެ ޤާނޫނަށް ރިޢާޔަތްކުރެވިގެން ތަޢުލީމީ ނިޒާމުގައިވެސް ދަރިވަރުންނާއި ބެލެނިވެރިން ޢަމަލުކުރުމަށް އުޞޫލުތަކެއް އެކަށައެޅިފައިވާ ކަމަށާއި މި އުޞޫލުތަކަށް ދަރިވަރުން ޢަމަލުނުކުރާނަމަ އެކަންކަން ޙައްލުކުރަންޖެހޭނީ ހެދިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ކަމަށެވެ.

އިސްކަންދަރު ސްކޫލުގައި ހިނގި މި ހާދިސާއާ ގުޅިގެން ޗިލްޑްރަންޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނެފައިވަނީ ދަރިވަރުންގެ ފަރާތުން ފެންނަ ކަންތައްތަކާގުޅިގެން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުވަނިވި އަދި އެ ދަރިވަރުންގެ ޙައްޤުތަކާއި ކަރާމާތަށް އުނިކަމެއް އަންނަފަދަ ގޮތަކަށް އިސްކަންދަރު ސްކޫލުގައި ކުރިއަށްގެންދިޔަ ގްރެޖުއޭޝަންގައި ބައިވެރިވުމަށް އެ ސްކޫލަށްދިޔަ ބައެއް ދަރިވަރުންނަށް މަޖުބޫރުކޮށް ސެލޫނަކަށް ގެންގޮސް ގެންނާއި ސްކޫލުގެ ތެރޭގައި، އެ ދަރިވަރުންގެ ބެލެނިވެރިންނަށް އެންގުމަކާނުލައި އެ ސްކޫލުގެ ޓީޗަރުންތަކެއް ދަރިވަރުންނާމެދު ހިންގި ޢަމަލު ބަލައި ނުގަންނަ ކަމަށެވެ.

އޮމްބަޑްސްޕަރސަންގެ އޮފީހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅޭގޮތުން އެ އޮފީހަށް ޝަކުވާތަކެއް ހުށަހެޅިފައިވާތީއާއި މީޑިއާގައި މިކަމާގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަން އެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާތީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުން އޮމްބަޑްޕާސަންގެ އޮފީހަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަޙުޤީޤުކުރަމުން ދާ ކަމަށެވެ.

މި މައްސަލައިގައި ދަރިވަރުންގެ ޙައްޤުތަކަށް އުނިކަމެއް އައިސްފައިވޭތޯ ބެލުމަށް ކުރެވޭ ތަޙުޤީޤުގެ ނަތީޖާ އާންމުކުރާނެ ކަމަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނެފައިވެއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިސްކަންދަރު ސްކޫލުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވެސް މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މި މައްސަލައިގައި ދަރިވަރުންގެ ޙައްޤުތަކަށް އުނިކަން އައިސްފައިވާކަމަށް ބެލެވޭތީ، ގިނަ ބެލެނިވެރިން މި މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައިވެއެވެ.
                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS