ޚަބަރު
ދޮގު ޚަބަރު ފެތުރުމާއި އާޑަފުރައްސާރައިގެ ފިތުނަވެރި ޢަމަލުތަކުގައި ބައިވެރިނުވުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި!
ރާއްޖެ އިސްލާމްވިދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ދޮގު ޚަބަރު ފެތުރުމާއި އާޑަފުރައްސާރައިގެ ފިތުނަވެރި ޢަމަލުތަކުގައި ބައިވެރިނުވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ގޮވައިލައއްވައިފިއެވެ.
ރަައީސް މުޢިއްޒު މިފަދައިން ދިވެހި މުޖްތަމަޢަށް ގޮވައިލެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދޮގު ޚަބަރުފެތުރުމާއި މެދު ވާހަކަދައްކާލިޔަސް އެ ދެއްކެނީ އަނެއްކާ ވެސް އަދުގެ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ ކަމަށެވެ. ދޮގާ އާޑަފުރައްސާރަޔާ ނެތިނުބައިކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އެބަ އުޅޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
“ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް ކުޑަ ލާރިކޮޅަކަށް މި ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގޭ އިރު އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ މުޖުތަމަޢަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ދީނީ އަޚްލާޤީ އިޖުތިމާޢީ މިންގަނޑުތައް ފުނޑުފުނޑުކޮށް ފަނާކޮށްލަން ބައިވެރިވުމާއި އެ ކަންކަމުން ނިކުންނާނެ ނުބައި ނަތީޖާ އެ ފަދަ މީހުންނަށް ހަމަ ނުވިސްނެނީބާ؟ މުޅި ޤައުމުގެ އަޚްލާޤީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ؟ ކޮން ފަދަ ބޮޑު ޚިޔާނަތެއްތޯ؟ ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުން އެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ؟ ދެބަ އޮޑުވުމާއި ނެތިނުބައިކިޔުމުގެ ސަބަބުން ރޫޅިކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟” ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާ ކެކުޅުން އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދެމިގެންދާ ކަމަށެވެ. އަދި ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމަމިއާއި އެކު ބައެއް ފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަ ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އިސްލާމީ އުންމަތަށް ބަލާއިރު ދޮގު ޚަބަރު ފެތުރުން ފަދަ ކަންކަމަކީ މަދީނާގެ މުނާފިޤުން ފަށައިގަތްކަމެއް ކަމަށެވެ.
“ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ މުނާފިޤުން ދުނިޔެއަށް ތަޢާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުން، އަޅުގަނޑުމެން ވާންވީ އަނެކުންގެ ހިތަށް ފިނިކަމާ ހަމަޖެހުން ގެނެސްދޭ މިތުރަކަށް، މުސްލިމަކަށް، ފުރިހަމަ މުއުމިނަކަށް” ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުސްލިމުންނަކީ ލޮލުން ބަލާބެލުމާއި، ކަންފަތުން އަހާއެހުމާއި ދުލުން ބުނާ ބުނުމާ މި ފަދަ ކޮންމެ ކަމެއްގައި މަސްއޫލުވެރި ބައެއް ކަމަށެވެ. މުސްލިމުންނަކީ މާދަމާ ﷲގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށެވެ.
ދޮގާ ފުރައްސާރަ ފެތުރުމުގެ ބާޒާރަކީ އިސްލާމީ ސަގާފަތުން ޖާގަ ލިބިދޭނެ ބާޒާރެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އަރިހުން އެދެނީ ކީރިތި ޤުރްއާނާ މޫރިތި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް މި ދިވެހި މުޖުތަމަޢު ބަދަލުކުރުމުގައި ތިޔަ އެންމެ ބޭފުޅުންގެ ބައިވެރިވުން ދެއްވުން، އެ ގޮތުން ތިޔައިން ކޮންމެ ބޭފުޅަކު ވެސް މި ވަގުތު މިތާނގައި އަމިއްލަ ނަފުސުގެ މައްޗަށް ވަޢުދެއްވެވަޑައިގަތުން، ދޮގު ޚަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި ޢަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުއްވުން، އަޅުގަނޑުމެންނަށް ﷲ ދެއްވާ ރިޒުޤާއި މުއްސަނދިކަން މި ފަދަ ހަލާކުތަކަށް ހޭދަނުކުރެއްވުން” ރައީސް ވިދާޅުވެފައިވެއެވެ.