ސައިންސް / ދުނިޔެ / ވިޔަފާރި
އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް މެޓާއިން "އެޑިޓްސް" ނަމުގައި އައު ވީޑިއޯ އެޑިޓިންގ އެޕެއް ތަޢާރަފުކޮށްފި

އެޑިޓް އެޕް ފޮޓޯ:އިންޓަނެޓް
ސޯޝަލް މީޑިއާ ދުނިޔޭގެ ނަންމައްޝޫރު މެޓާއިން އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން "އެޑިޓްސް" ނަމުގައި އައު ވީޑިއޯ އެޑިޓިންގ އެޕެއް ތަޢާރަފުކޮށްފިއެވެ. މި އެޕަކީ ޓިކްޓޮކްގެ އެޑިޓިންގ އެޕް ކެޕްކަޓާ ވާދަކުރުމަށް ނެރެފައިވާ އެޕެކެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީ މަހު މެޓާއިން މި އެޕް ނެރުމަށް ރާވާފައިވާ ކަމަށް އިޢުލާނުކުރި ނަމަވެސް، މިހާރު ވަނީ ރަސްމީކޮށް ތަޢާރަފުކޮށްފައެވެ. މި އެޕްގައި މެޓާގެ އެހެން އެޕްތަކާ އަޅާބަލާއިރު އިތުރު އެޑިޓިންގ ޓޫލްތަކެއް ހިމެނެއެވެ.
އެޑިޓްސްގެ އިން-އެޕް ކެމެރާއިން 10 މިނެޓާ ހަމައަށް ދިގު ވީޑިއޯ ރެކޯޑުކުރެވޭނެއެވެ. އަދި މި ވީޑިއޯތައް ފެންވަރު ރަނގަޅުކަމާއެކު އިންސްޓަގްރާމްގައި ޝެއަރކުރެވޭނެއެވެ. މީގެ އިތުރުން، ގްރީން ސްކްރީން ފަދަ މަޤްބޫލު އެޑިޓިންގ އިފެކްޓްތަކާއި އިންސްޓަގްރާމްގެ މިއުޒިކް ކެޓަލޮގްވެސް މި އެޕްގައި ހިމެނެއެވެ.
މެޓާއިން މި އެޕްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބިނާކޮށްފައިވާ ފީޗަރތަކެއްވެސް ހިމަނާފައިވެއެވެ. މީގެ ތެރޭގައި:
- "އެނިމޭޓް" ނަމުގައި ފޮޓޯއެއް ވީޑިއޯއަކަށް ބަދަލުކުރެވޭ ފީޗަރ
- "ކަޓްއައުޓްސް" ނަމުގައި ވީޑިއޯއަކުން ވަކި މީހަކު ނުވަތަ އެއްޗެއް ވަކިން ނެގޭ ފީޗަރ
އިންސްޓަގްރާމްގެ އިސްވެރިޔާ އާދަމް މޮސެރީ ވަނީ ތްރެޑްސްގައި ޝެއަރކުރި ވީޑިއޯއެއްގައި އެޑިޓްސްއަކީ ގިނަ ޓޫލްތަކެއް ހިމެނޭ ހިލޭ ބޭޏުންކުރެވޭ ވީޑިއޯ އެޑިޓިންގ އެޕެއްއްކަމަށް ބުނެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެޕްގައި:
- "އިންސްޕިރޭޝަން" ޓެބެއް
- އައިޑިއާތައް ޓްރެކްކުރުމަށް އިތުރު ޓެބެއް ހިމެނެއެވެ.
މީގެ އިތުރުން، މި އެޕްގައި ހިމެނޭ ކެމެރާއިން ރަނގަޅު ފެންވަރުގެ ރެކޯޑިންގތައް ނެގޭނެ ކަމަށާއި، ހުރިހާ އެޑިޓިންގ ޓޫލްތަކަކަށް ވާސިލުވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެޓާއިން ވަނީ ޚާއްޞަކޮށް ރީލްސް އުފައްދާ ކޮންޓެންޓް ކްރިއޭޓަރުން މި އެޕް ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އިންސްޓަގްރާމާ ގުޅޭ ވަކި ފީޗަރތަކެއްވެސް ހިމަނާފައެވެ.
ކުންފުނިން ނެރުނު ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މިއީ އެޕްގެ ފުރަތަމަ ވަރޝަން އެކަނި ކަމަށާއި، ބޭނުންކުރާ ފަރާތްތަކާ ގުޅިގެން އެޕްގެ ފީޗަރތައް އިތުރަށް ފުޅާކުރުމަށް މެޓާއިން ރާވާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މިހާރު މި އެޕް ވަނީ އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ޑައުންލޯޑް ކުރެވެން ފަށާފައެވެ.
މި އެޕް ތަޢާރަފުކުރުމާއެކު، މެޓާއިން ވަނީ ވީޑިއޯ އެޑިޓިންގ ދާއިރާގައި އޮތް ވާދަވެރިކަން އިތުރަށް ހޫނުކޮށްލާފައެވެ. ޚާއްޞަކޮށް ޓިކްޓޮކްގެ ކެޕްކަޓް އެޕާ ސީދާ ވާދަކުރުމަށް ނެރެފައިވާ މި އެޕަކީ، އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދޭނެ އެޕެއް ކަމަށް ބެލެވެއެވެ.