ދީން / ޚަބަރު

ގައުމު ޚަރާބުކޮށް އަމާންކަން ނަގާލާ މީހާއަކީ އެންމެ ނުބައި މީހާ: ހުކުރު ޚުތުބާ

ގައުމު ޚަރާބުކޮށް އަމާންކަން ނަގާލާ މީހާއަކީ އެންމެ ނުބައި މީހާ: ހުކުރު ޚުތުބާ

ޚަތީބް، ފަޟީލަތުއްޝައިޚް ޑރ. ޞަލާހު އަލްބުދައިރު ފޮޓޯ: އިސްލާމީ ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 03:04

25 އޭޕްރީލު 2025، 03:04

އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ޚަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގާލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ މަސްޖިދުއްސުލްތާނު މުހައްމަދު ތަކުރުފާނުލް އައުޒަމުގައި އިއްވަވައިދެއްވީ، މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަތީބް، ފަޟީލަތުއްޝައިޚް ޑރ. ޞަލާހު އަލްބުދައިރުއެވެ. "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ!" މި މައުޟޫއުގެ މައްޗަށް ޚާއްސަކުރެވުނު މި ޚުތުބާގައި، އެއްބައިވަންތަކަމާއި ގުޅިގެން އުޅުމުގެ މުހިންމުކަން އަލިއަޅުވާލިއެވެ.

ޚުތުބާގައި ބުނެފައިވަނީ، ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ. އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރުބަހުން މުޚާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިއްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުން ސިފަލިބިގެންވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

ޚުތުބާގައި އިތުރަށް ބަޔާންކުރެއްވީ، އެކަކު އަނެކަކަށް ރަހުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެއް ކަމަށާއި، އެފަދަ މީހުންނަށް މާތްﷲ ރަހްމަތް ލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެ ކަމަށެވެ. އަދި ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤުކަން ފާހަގަކޮށް، މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ އިއްޒަތާއި ޝަރަފާއި ގަދަރުވެރިކަމުގައި ކަމަށް ވިދާޅުވިއެވެ.

ޚުތުބާ ނިންމަވާލެއްވީ، މާތް ﷲ އަށް ތަޤްވާވެރިވެ، ވޭތުވެ ދިޔަތަނުން އިބުރަތް ލިބިގަނެ، މިއަދު އެއާ އެއްގޮތަށް އަމަލުކުރެވޭތޯ ބެލުމަށް ގޮވާލައްވައެވެ. އޭރުން އުންމީދުން ފުރިގެންވާ މާދަމާއަކަށް އަލިވިލޭނެ ކަމަށް ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން