ޚަބަރު
ރާއްޖެ ކަޒަކިސްތާނުގެ ބޮޑު ފަތުރުވެރިކަމުގެ ފެއަރގައި ބައިވެރިވެއްޖެ

ރާއްޖެ ކަޒަކިސްތާނުގެ ފަތުރުވެރިކަމުގެ ފެއަރގައި
ކަޒަކިސްތާނުގެ އަލްމާޓީގައި މިމަހުގެ 23 އިން 25 އަށް ބޭއްވުނު ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއަރ (ކޭއައިޓީއެފް) ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ފެއަރގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 ފަރާތަކުން ބައިވެރިވިއެވެ.
ކޭއައިޓީއެފްއަކީ 2001 ވަނަ އަހަރުން ފެށިގެން ސެންޓްރަލް އޭޝިއާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މިއީ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ލިބިގެންދާ ޕްލެޓްފޯމެކެވެ.
އެމްއެމްޕީއާރުސީން ބުނީ މި ފެއަރގެ ސަބަބުން ކަޒަކިސްތާނާއި ސެންޓްރަލް އޭޝިއާ ސަރަޙައްދުގެ އެޖެންޓުންނާއެކު ރަނގަޅު ގުޅުމެއް ޤާއިމުކޮށް، ރާއްޖެއާ ގުޅޭ މައުލޫމާތުތައް ފެއަރއަށް ޒިޔާރަތްކުރި ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކުގެ އިތުރުން، ތަފާތު އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ވެސް ދީފައިވާ ކަމަށެވެ.
ފެއަރގައި ބެހެއްޓި ދިވެހިރާއްޖޭގެ ސްޓޭންޑަކީ "ސަނީ ސައިޑް އޮފް ލައިފް" ގެ އަސްލު ދައްކުވައިދޭ، ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ފެންނަން ހުރި ސްޓޭންޑެއް ކަމަށް އެމްއެމްޕީއާރުސީން ހާމަކުރިއެވެ.
MMPRC CEO & Managing Director Mr. Ibrahim Shiuree was invited to be a panellist at the PATA Annual Summit 2025 sharing unique insights on optimising tourism for meaningful growth through sustainability, community involvement, and digital innovation. pic.twitter.com/3fSz0nxN4Y
— Maldives Marketing & Public Relations Corporation (@mmprc_corporate) April 24, 2025
ސީއައިއެސް ސަރަޙައްދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް މުހިންމު ސަރަޙައްދަކަށްވާތީ، އެމްއެމްޕީއާރުސީން އެ ސަރަޙައްދުގައި މާކެޓިންގެ ތަފާތު ހަރަކާތްތައް ހިންގައެވެ. މީގެ ތެރޭގައި މިދިޔަ އަހަރު މޮސްކޯ ޑައިވް ޝޯގައި ބައިވެރިވެ ރާއްޖޭގެ އެކި މަންޒިލްތައް އިޝްތިހާރުކުރުން ހިމެނެއެވެ.
އެމްއެމްޕީއާރުސީން މި ސަރަހައްދުގައި އިތުރު މާކެޓިންގ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ މަންޒިލްތަކާ ބެހޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކޮށް ވިޒިބިލިޓީ ދެމެހެއްޓުމަށް ސޯޝަލް މީޑިއާ ކެމްޕެއިނެއް ވެސް މިހާރު ދަނީ ހިންގަމުންނެވެ.