Ads by Exprox

ޚަބަރު

ހުޅުމާލޭގައި ފަސް މިލިޔަން ގަސް ހެއްދުމަށް ޚާއްސަ ނާސަރީއެއް ތަރައްޤީކުރަނީ

ހުޅުމާލޭގައި ފަސް މިލިޔަން ގަސް ހެއްދުމަށް ޚާއްސަ ނާސަރީއެއް ތަރައްޤީކުރަނީ

ނާސަރީ ތަރައްޤީ ކުރުމަށް ޗައިނާއާއި އެކު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 03:15

25 އޭޕްރީލު 2025، 03:15

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގަސް ހެއްދުމަށް ޚާއްސަ ނާސަރީއެއް ތަރައްޤީކުރުމަށް ނިންމާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ފަސް މިލިޔަން ގަސް ހެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި ނާސަރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 55،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއްގައެވެ. މިތަނުގައި މީޓިން ރޫމަކާއި ލެބޯޓަރީއެއް ހިމެނޭނެއެވެ. އަދި މިއީ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށް ތަރައްޤީކުރެވޭ ހިތްގައިމު ޖާގައިގެ ގޮތުން ބޮޑު ނާސަރީއަކަށް ވާނެކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ޓީމެއް ވަނީ ޗައިނާއަށް ޒިޔާރަތްކޮށް، ނާސަރީގެ ޑިޒައިން އަދި އިންދާނެ ގަސްތަކުގެ އިތުރުން، ފަސް މިލިޔަން ޕްރޮގްރާމަށް އެންމެ ބޭނުންތެރި ގަސް ހައްދަން ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ނާސަރީގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަކީ އަމާޒެއްކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި މި ނާސަރީގެ ސަބަބުން ފަސް މިލިޔަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލްކުރަން ފަސޭހަވެގެން ދާނެކަމަށާއި، މުސްތަޤުބަލުގައި ސުކޫލު ކުދިން ގެނެސްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ޑިޒައިން ކުރެވޭ ތަނެއްކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.



ފަސް މިލިޔަން ގަސް ހެއްދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު، ދުނިޔޭގެ ތިމާވެށީގެ ދުވަހުގައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS