ދުނިޔެ

ބެއިޖިންގ ހާފް މެރަތަނުގައި ރޮބޮޓާއި އިންސާނުން ވާދަކޮށްފި

ބެއިޖިންގ ހާފް މެރަތަނުގައި ރޮބޮޓާއި އިންސާނުން ވާދަކޮށްފި

ބެއިޖިންގ ގައި ބޭއްވުނު ހާފް މެރަތަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 08:08

25 އޭޕްރީލު 2025، 08:08

ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވުނު ހާފް މެރަތަން ރޭހެއްގައި ރޮބޮޓުތަކާއި އިންސާނުން ފުރަތަމަ ފަހަރަށް ވާދަކޮށްފިއެވެ. މި ރޭހުގައި 21 ކިލޯމީޓަރުގެ ދުވުމުގައި 21 ރޮބޮޓު ބައިވެރިވެފައިވެއެވެ.

ބެއިޖިންގ އިނޮވޭޝަން ސެންޓަރ އޮފް ހިއުމަން ރޮބޮޓިކްސްއިން އުފެއްދި ޓިއާންގޮންގ އަލްޓްރާ ނަމަކަށް ކިޔާ ރޮބޮޓަކުން ވަނީ 2 ގަޑިއިރާއި 40 މިނެޓުގައި ރޭސް ނިންމާލާފައެވެ. މި ރޭހުގައި އިންސާނުންގެ ތެރެއިން އެންމެ އަވަހަށް ނިންމި ފަރާތުން ރޭސް ނިންމާލީ 1 ގަޑިއިރާއި 2 މިނެޓުގައެވެ.

މި ރޭހުގައި ބައިވެރިވި ރޮބޮޓުތަކުގެ ދިގުމިނުގައި ތަފާތުތަކެއް ހުރިއިރު، އެންމެ ކުރު ރޮބޮޓުގެ ދިގުމިނަކީ 3 ފޫޓު 9 އިންޗިއެވެ. އެންމެ ދިގު ރޮބޮޓުގެ އުސްމިނަކީ 5 ފޫޓު 9 އިންޗިއެވެ. މި ރޭހުގައި ބައިވެރިވި ހުރިހާ ރޮބޮޓުތަކަކީވެސް އިންސާނުންނާ އެއްގޮތަށް ހިނގާ ނުވަތަ ދުވާ ރޮބޮޓުތަކެވެ.

ޓިއާންގޮންގ އަލްޓްރާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޭންގ ޖިއާން ވިދާޅުވި ގޮތުގައި މި ރޮބޮޓުގެ ފައިތައް ދިގުވުމާއި އިންސާނުން މެރަތަން ދުވާ ގޮތް ކޮޕީކުރާ އެލްގޮރިދަމެއް ބޭނުންކޮށްގެން މި ރޮބޮޓަށް މި ކާމިޔާބީ ހޯދުނީއެވެ. އަދި މުޅި ރޭހުގައި މި ރޮބޮޓުގެ ބެޓެރީ ބަދަލުކުރީ އެންމެ ތިން ފަހަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ރޭހުގައި ބައެއް ރޮބޮޓުތަކަށް ދިމާވި ދަތިތަކުގެ ތެރޭގައި ފެށުމުގެ ރޮނގުގައި ވެއްޓުމާއި ރެއިލިންތަކުގައި ޖެހުން ހިމެނެއެވެ. އަދި ރޭހުގައި ބައިވެރިވި ގިނަ ރޮބޮޓުތަކާއެކު އިންސާނުން ދުވެފައިވާކަން ފާހަގަކުރެވެއެވެ.

ޗައިނާގައި ރޮބޮޓު އުފައްދާ ގިނަ ކުންފުނިތަކެއް ހުރިއިރު، މީގެ ތެރޭގައި އިންސާނުންނާ އެއްގޮތް ރޮބޮޓުތަކާއި ރޮބޮޓު ކުއްތާތައް އުފައްދާ ކުންފުނިތައް ހިމެނެއެވެ. މިދިޔަ އަހަރު ޗައިނާގެ ސިފައިންގެ ތަމްރީނުތަކުގައި ބަޑި ހަރުކޮށްފައިވާ ރޮބޮޓު ކުއްތާތައް ބޭނުންކުރާ މަންޒަރު ދައްކާފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS