Ads by Exprox

ޚަބަރު

ވެއްޓުނު ޒުވާނާ އިތުރު ފަރުވާއަށް ސަރުކާރު އެހީގައި ރާއްޖެއިން ބޭރަށް ގެންދަނީ

ވެއްޓުނު ޒުވާނާ އިތުރު ފަރުވާއަށް ސަރުކާރު އެހީގައި ރާއްޖެއިން ބޭރަށް ގެންދަނީ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ފޮޓޯ:އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 08:54

25 އޭޕްރީލު 2025، 08:54

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ޒުވާން އަންހެން މީހާ އިތުރު ފަރުވާއަށް، ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާގެ އާއިލާއިން މިއަދު ހާމަކޮށްފިއެވެ.

21 އަހަރުގެ ޔުމްނާ ރަޝީދު ވެއްޓިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، އޭނާ އެ ވަގުތު ހުރި ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. މި ހާދިސާއާ ގުޅިގެން، އޭނާއާ އެކު އެ އިމާރާތުގައި އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ޔުމްނާގެ ހާލު އަދިވެސް ސީރިއަސްކަމަށް ބެލެވެއެވެ. އޭނާގެ އާއިލާގެ ފަރާތުން މައުލޫމާތު ދެމުން، ޔުމްނާގެ ދައްތަގެ ފިރިމީހާ ވިދާޅުވީ އެންސްޕާގެ އެހީގައި ޔުމްނާ ރާއްޖޭން ބޭރަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އޭނާގެ ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާއާ ހަވާލުވެފައިވަނީ ސަރުކާރުން ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

"އެންމެ އަވަހަށް ވެސް ފުރެން އޮތީ މި މަހުގެ 28ގައި،" ކޮންފަރެންސް ކޯލެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ވިދާޅުވިއެވެ. ނަމަވެސް، ޗާޓަޑް ފްލައިޓެއްގައި ފުރުވާލެވޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަމަށާއި، އެކަން ހަމަޖެހިއްޖެ ނަމަ މާދަމާ ވެސް ފުރަން ޖެހިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާއާ ގުޅިގެން، ޔުމްނާއާ އެކު އެ ރޭ އުޅުނު ހަތް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އަދި އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޔުމްނާގެ ހާލު ސީރިއަސް ނަމަވެސް، އޭނާގެ ހާލަތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS