ކުޅިވަރު
ބަލިނުވެ ލީގު ކާމިޔާބު ކުރަން ދަނިކޮށް ޕީއެސްޖީއަށް ހުރަސް އަޅައިފި

ޕީއެސްޖީއިން މަސައްކަތްކުރީ މެޗަކުން ބަލިނުވެ ފްރާންސް ލީގުގައި ރެކޯޑެއް ހެދުމަށް، ފޮޓޯ: ގެޓީ އިމޭޖަސް
ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ ތަށި އުފުލާލުމަށް ތައްޔާރުވަމުން ދަނިކޮށް، ބާކީ ހަތަރު މެޗު އޮއްވާ ފްރާންސް ލީގު މިހާރު ޔަގީންކޮށްފައިވާ ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) ނީސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ.
މިހާތަނަށް ބަލިނުވެ ލީގުގައި 30 މެޗު ހަމަކޮށްފައިވާ ޕީއެސްޖީއިން މަސައްކަތް ކުރަމުން ދިޔައީ، އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރުމުގެ ރެކޯޑު ހެދުމަށެވެ. ނަމަވެސް ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނީސް 3-1 އިން ކާމިޔާބުކޮށް ޕީއެސްޖީގެ މި އުއްމީދަށް ހުރަސްއެޅިއެވެ.
މި އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ފުރުސަތެއް ހޯދުމަށް ނީސް ކުރަމުންދާ މަސައްކަތުގައި ރޭގެ މެޗަކީ ވެސް އެ ޓީމަށް މުހިންމު މެޗަކަށްވާއިރު، މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 34 ވަނަ މިނެޓުގައި، މި ސީޒަންގައި ނީސްގެ ފުރަތަމަ 11 ގައި އަލަށް ހިމެނިގެން ކުޅެން ނިކުތް މޯގަން ސެންސަންއެވެ. ނަމަވެސް ފެބިއަން ރުއިޒްގެ ގޯލަކުން ހާފު ނިމުމުގެ ކުރިން ޕީއެސްޖީއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
އެކަމަކު ދެވަނަ ހާފު ފަށައިގެން ދެ މިނެޓު ނުހިނގަނީސް އަނެއްކާ ވެސް ސެންސަންގެ ގޯލަކުން ނީސް ލީޑު ނެގިއެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ލިބުނު ހިލޭޖެހުމެއްގައި ޔޫސުފް ޑައިޝިމިޔޭއެވެ.
މި މެޗުގައި ޕީއެސްޖީއިން ޖުމްލަ 32 ހަމަލާ ނީސްގެ ގޯލަށް ފޮނުވާލާފައިވެއެވެ. އަދި އޭގެ ތެރެއިން 13 ހަމަލާ ގޯލާ އަމާޒުވި ނަމަވެސް މެޗުގެ ނަތީޖާ އެ ޓީމަށް ބަދަލެއް ނުކުރެވުނެވެ.
މި ނަތީޖާއަކީ މި ހަފްތާގައި ޕީއެސްޖީއިން އާސެނަލްއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ނިކުންނައިރު، އެ ޓީމަށް ގެނުވި މާޔޫސްކަމެކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު އެންރީކޭ ބުނީ، ގޯލެށް ކާމިޔާބު ކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރި ކަމަށާއި، ނަމަވެސް ނީސްއިން ވަރަށް މޮޅަށް ޑިފެންސްކުރިކަމަށެވެ.