ޚަބަރު
ދ. އުއްދޫއަށް ކޮންމެ ދުވަހަކު ދަތުރުދެވޭ ގޮތަށް ހަމަޖައްސައިފި

ދ.އުއްދޫ ފޮޓޯ: ވުޒާރާ
ދ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ އެއަތޮޅު އުއްދޫއަށް ހަފުތާގެ ކޮންމެ ދުވަހަކުވެސް ދަތުރު ދެވޭގޮތަށް ހަމަޖައްސައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިހާރު ހަފުތާގެ ކޮންމެ ދުވަހަކުވެސް ދ. އުއްދޫއަށް ދަތުރު ދެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މީގެ ކުރިން އެރަށަށް ދެވެނީ ހަފްތާ ބަންދުގަޔާއި، ސަރުކާރު ބަންދު ދުވަސްތަކުގައި އެކަނި ކަމަށާއި، ނަމަވެސް މިހާރު އުއްދޫއަށް ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދަތުރުދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދ. އުއްދޫއަށް ދަތުރު ދެވޭގޮތަށް މިހާރު ވަނީ ހަމަޖެހިފައި. pic.twitter.com/QeGgRnwZih
— Adam Shareef Umar (@Adamshareefz) April 27, 2025
އުއްދޫ ދ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުދާ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު އެއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުން ބޭނުންކުރަމުންދިޔަ ރަށެއް ކަމަށާއި، އެހެންނަމަވެސް އެރަށުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެރަށް މިހާރު ސަރުކާރަށް ލިބި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ހަވާލުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ދ. އުއްދޫއަށް ދަތުރުދާ ފަރާތްތަކަށް ގިނަ ޚިދުމަތްތަކެއް އެ ރަށުން ހަމަޖެހޭނެ ގޮތް ހެދުމަށްޓަކައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.