ކުޅިވަރު
ތިން މެޑައްޔާއެކު ސަރަޙައްދީ މުބާރަތަށް ދިޔަ ޒުވާން ޓީޓީ ޓީމު ރާއްޖެ އަތުވެއްޖެ

ޓީޓީ ޓީމަށް މަރުހަބާ ކިއުން، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރި ޒުވާން ޓޭބަލް ޓެނިސް ޓީމު ތިން މެޑައްޔާއެކު ރާއްޖެ އަތުވެއްޖެއެވެ.
ނޭޕާލްގެ ކަތަމަންޑޫގައި ކުރިޔަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ 15 އަހަރާއި 19 އަހަރުން ދަށުގެ ޓީމުން ވަނީ ރިހި މެޑެއްޔަކާއި ދެ ލޯ މެޑެލް ހޯދާފައެވެ.
ފަޚުރުވެރި ވަނަތަކާއެކު ރާއްޖެއަށް އައި މި ޓީމަށް މަރުހަބާ ދެންނެވުމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިސްވެރިންވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަނީ ވަޑައިގެންފައެވެ. އަދި ޓީމާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ އެ ކުދިންގެ ކާމިޔާބަށް މަރުހަބާ ދަންނަވާފައެވެ.
މީގެ އިތުރުން، ކުރިޔަށް އޮތް ތާނގައި އިތުރު ހިތްވަރާއެކު މަސައްކަތްކޮށް ރަން މެޑަލް ހޯދުމަށްވެސް ވަޒީރު ވަނީ ޓީމުގެ ކުޅުންތެރިންގެ ކިބައިން އެދިފައެވެ.
މިމުބާރާތުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައިވަނީ 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ ޒީކް ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒުއެވެ. އަދި އޭގެ އިތުރުން 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން، އައިޝަތު އަލްސާ ނާފިޒު އާއި މުހައްމަދު ހަލަފް ރާފިއު ލޯ މެޑަލް ހޯދާފައިވާއިރު، 15 އަހަރުންދަށުގެ ޓީމު އިވެންޓުގައި ވާދަކޮށް ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ވަނީ 3-1 އިން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑަލް ހޯދާފައެވެ.