ޚަބަރު
ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ބާއްވާ ފުރަތަމަ ޤައުމީ ކޮންފަރެންސްގެ ވެބްސައިޓް އިފްތިތާޙްކޮށްފި

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ބާއްވާ ފުރަތަމަ ޤައުމީ ކޮންފަރެންސް
ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމކުރުމަށް ބާއްވާ ފުރަތަމަ ޤައުމީ ކޮންފަރެންސް ކަމުގައިވާ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ގެ ވެބްސައިޓް މިއަދު އިފްތިތާޙްކޮށްފިއެވެ. މި ކޮންފަރެންސް އޮންނާނީ މިއަހަރުގެ މޭ މަހުގެ 10 އިން 12 އަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުމެވެ. އަދި މި ދާއިރާގައި ޙިއްސާވާ އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ހިރާސްތައް ކުޑަކުރެވޭނެ ގޮތްތައް ހޯދައި، އެކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ.
މި ކޮންފަރެންސްގައި، މި ދާއިރާއިން 8 ދިރާސީ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ކަމާ ގުޅުންހުރި އިދާރާތަކާއި ކޮލެޖު، ޔުނިވަރސިޓީތަކުން ހުށަހަޅާ ޕޭޕަރުތައް ހިމެނެއެވެ. މީގެ އިތުރުން 2 ކީނޯޓް ސްޕީކަރުންވެސް ބައިވެރިވާނެއެވެ.
ކޮންފަރެންސްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ޔުނިސެފް، ދިވެހި ފުލުހުންގެ ޚިދުމަތް، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ، ކޮލެޖުތައް އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ހިމެނޭ ގޮތަށް ޓެކްނިކަލް ޕަރޓިސިޕަންޓުންގެ ގޮތުގައި 16 އިދާރާއަކުން ބައިވެރިވާނެއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 11 އިދާރާއެއް ބައިވެރިވާނެއެވެ.
މިއަދު އިފްތިތާޙްކުރެވުނު ވެބްސައިޓުން ކޮންފަރެންސާ ގުޅޭ އެކި މަޢުލޫމާތުތައް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ކޮންފަރެންސްގައި އަލިއަޅުވާލާނެ މަޢުޟޫތަކާއި، ކީނޮޓް ސްޕީކަރުންގެ އިތުރުން ޕެނަލް ޑިސްކަޝަންތަކާ ގުޅޭ މަޢުލޫމާތުތައް ހިމެނެއެވެ.
މިއީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅުންހުރި ހުރިހާ އިދާރާތައް ހިމެނޭ ގޮތަށް ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސްކަން ފާހަގަކުރެވެއެވެ.