ކުޅިވަރު
ސްޕޯޓްސް މިނިސްޓްރީއިން ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑުކޮށްފި

ބެޑްމިންޓަން އެސޯސިއޭޝަންގެ 2023 ވަނަ އަހަރު އަހަރީ އާންމު ޖަލްސާ، ފޮޓޯ: ބީއޭއެމް
ބެޑްމިންޓަން އެސޯސިއޭޝަންގައި ގިނަ މައްސަލަތަކެއް ހުރި ނަމަވެސް، އެ ކަންކަން ޙައްލު ކުރުމަށް އެ އެސޯސިއޭޝަނުން އެއްބާރުލުން ނުދޭތީ، ސްޕޯޓްސް މިނިސްޓްރީއިން އެ އެސޯސިއޭޝަން އިއްޔެ ސަސްޕެންޑުކޮށްފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ދައުރު ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހަށް ހަމަވެފައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް، އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވާފައެއް ނުވެއެވެ. މީގެ އިތުރުން، އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދާށް ކޮންމެހެން ބަދަލު ގެންނަންޖެހޭކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އަންގާފައިވީނަމަވެސް، އެކަމަށް އެއެވެސް މަސައްކަތް ކުރެވުނުތަނެއް ފެންނާކަށް ނެތެވެ.
ސްޕޯޓްސް މިނިސްޓްރީއިން އެ އެސޯސިއޭޝަން ސަސްޕެންޑު ކުރުމަށް ނިންމީ މި ސަބަބުތަކާ ގުޅިގެންނެވެ. އެހެންކަމުން އަސާސީ ޤަވާއިދަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އިންތިހާބެއް ބޭއްވެންދެން ވަގުތީ ގޮތުން ޤައުމީ ހައިސިއްޔަތު ނެގީ ކުޅިވަރުގެ ޤައުމީ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށް ސްޕޯޓްސް މިނިސްޓްރީއިން ނެރުނު އިޢުލާނުގައި ވަނީ ބުނެފައެވެ.
އެ އެސޯސިއޭޝަން ސަސްޕެންޑު ކުރުމާ ގުޅިގެން އެސޯސިއޭޝަނުގެ ނަމުގައި އެއްވެސް މުއާމަލާތެއް ކުރުން މަނާވާނެއެވެ. އެފަދަ އެއްވެސް މުއާމަލާތެއް އެ ކޮމިޓީގެ އެއްވެސް މެންބަރަކު ކުރިޔަސް އެއީ ސައްހަ މުއާމަލާތެއްގެ ގޮތުގައި ނުބަލާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އަދި މިނިސްޓްރީން ވަނީ އެސޯސިއޭޝަނުގެ މެމްބަރުންގެ ބައިވެރިވުމާ އެކު، އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް އޮލިމްޕިކް ކޮމިޓީ ގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލަން ވެސް ނިންމައިފައެވެ.
މި ކޮމެޓީގެ މަސައްކަތްތައް ނިންމުމަށް، ކޮމިޓީ އެކުލަވާލާ ތާރީހުން ފެށިގެން 45 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މީގެ އިތުރުން، އެސޯސިއޭޝަން ސަސްޕެންޑުކުރިނަމަވެސް ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެކަމަށް ސްޕޯޓްސް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.