Ads by Exprox

ޚަބަރު

މިއަހަރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ދައުލަތުގެ އާމްދަނީ 6.9 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ދައުލަތުގެ އާމްދަނީ 6.9 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ފޮޓޯ:މީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 01:53

01 މޭ 2025، 01:53

މިއަހަރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.9 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ އޭޕްރީލް 24 ގެ ނިޔަލަށް ދައުލަތަށް 12.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.

މި އިތުރުވުމުގައި ޓެކްސް އާމްދަނީ އަދި ޓެކްސް ނޫން އާމްދަނީ ހިމެނެއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އާމްދަނީގެ ބޮޑު ބައެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) މެދުވެރިކޮށެވެ. މިގޮތުން ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައެވެ.

މި މުއްދަތުގެ ތެރޭގައި ޚަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 13.2 ބިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 9.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 804.5 މިލިއަން ރުފިޔާ ހިމެނެއެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިއަން ރުފިޔާއިން އަރަނިވެފައެވެ. އަދި އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާއިން އަރަނިވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS