Ads by Aqeeqa Maldives

ޚަބަރު

ކެޔޮދޫ ސްކޫލުގެ 4 ބުރީގެ އިމާރާތުގެ މަސައްކަތް އަލުން ފެށުމަށް ސަރުކާރުން ނިންމައިފި

ކެޔޮދޫ ސްކޫލުގެ 4 ބުރީގެ އިމާރާތުގެ މަސައްކަތް އަލުން ފެށުމަށް ސަރުކާރުން ނިންމައިފި

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 11:32

05 މޭ 2025، 11:32

ވ. ކެޔޮދޫ ސްކޫލުގެ 4 ބުރީގެ އިމާރާތުގެ މަސައްކަތް އަލުން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދުގެ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މި މަޝްރޫޢަކީ ޖުމްލަ 20 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހޭދަވާނެ މަޝްރޫޢެކެވެ. 2023 ވަނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫޢަށް 1.5 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރުގެ ބަޖެޓުގައި 2.019 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ހުއްޓިފައިވަނީ ބަޖެޓުގައި ކޮންޓްރެކްޓަރަށް ދޭންޖެހޭ %15 ފައިސާ ހިމެނިފައި ނެތުމުގެ ސަބަބުންކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، މިހާރު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން އަލުން ފެށުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ކެޔޮދޫ ސްކޫލުގެ މަސައްކަތް ހިމަނާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މީގެއިތުރުން، ވަޒީރު ވިދާޅުވީ ރާއްޖޭގެ ސްކޫލުތައް ފިނިކުރުމަށް ހިންގާ "ކޫލް ސްކޫލް" ޕްރޮގްރާމުގެ ދަށުން ސްކޫލުތަކުގެ ކަރަންޓު މައްސަލަތައް ފާހަގަކުރެވެމުންދާ ކަމަށާއި، މި ޕްރޮގްރާމު ކުރިއަށްދާއިރު ކަރަންޓު އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކާ އެއްގޮތަށް އެކި ރަށްރަށުގައި ފެށުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS