ސައިންސް / ދުނިޔެ
އިންޓަނެޓް މެދުވެރިކޮށް ކޯލްތަކުގެ ފުރުސަތު ހޯދައިދިން "ސްކައިޕް" ޚިދުމަތް ނިމުމަކަށް

ސްކައިޕް ފޮޓޯ:އިންޓަނެޓް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އިންޓަނެޓް މެދުވެރިކޮށް އަޑާއި މަންޒަރު ހިއްސާކުރުމުގެ ފުރުސަތު ހޯދައިދިން ސްކައިޕްގެ ޚިދުމަތް މިއަދު އަބަދަށް ނިމުމަކަށް ގެންނަން ވަނީ ނިންމާފައެވެ. މައިކްރޯސޮފްޓުން މި ނިންމުން ނިންމާފައިވަނީ ކުންފުނީގެ ޓީމްސް ޕްލެޓްފޯމަށް އިސްކަންދިނުމަށްޓަކައެވެ.
2003 ވަނަ އަހަރު ލަކްސެމްބާގުގައި ތަޢާރަފުކުރެވުނު ސްކައިޕްއަކީ އިންޓަނެޓް މެދުވެރިކޮށް އަޑު ފޮނުވުމުގެ ޓެކްނޮލޮޖީ (ވީއޯއައިޕީ) ބޭނުންކޮށްގެން ހިދުމަތްދިން އެންމެ ކުރީގެ މެއިންސްޓްރީމް އެޕްލިކޭޝަންތަކުގެ ތެރެއިން އެއް އެޕެވެ. ބައިނަލްއަޤްވާމީ ގުޅުންތަކަށް ބޮޑެތި އަގުތައް ނަގަމުންދިޔަ ދުވަސްވަރު، ސްކައިޕްއިން ހިލޭ ކޮމްޕިއުޓަރުން ކޮމްޕިއުޓަރަށް ގުޅުމުގެ ފުރުސަތު ހޯދައިދިނެވެ.
2008 ވަނަ އަހަރާ ހަމައަށް އައިއިރު ސްކައިޕްގައި 400 މިލިއަނަށްވުރެ ގިނަ ފަރާތްތައް ރަޖިސްޓްރީވެފައިވެއެވެ. އަދި 2011 ގައި މައިކްރޯސޮފްޓުން 8.5 ބިލިއަން ޑޮލަރަށް ސްކައިޕް ގަތުމަށްފަހު، ވިންޑޯސް ޕީސީތަކާއި، ސްމާޓްފޯނުތަކާއި އަދި އެކްސްބޮކްސް ކޮންސޯލްތަކުގައި މި ޕްލެޓްފޯމް އިންޓަގްރޭޓްކުރިއެވެ.
ނަމަވެސް، ވާދަވެރި އެޕްލިކޭޝަންތައް އުފެދި، ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ޒޫމް ފަދަ ޕްލެޓްފޯމްތަކުގެ މަޤްބޫލުކަން އިތުރުވުމާއެކު، ސްކައިޕްގެ ބޭނުންކުރާ ފަރާތްތަކުގެ އަދަދު ދަށަށް ދިޔައެވެ. 2025 ވަނަ އަހަރާ ހަމައަށް އައިއިރު ސްކައިޕް ބޭނުންކުރާ ފަރާތްތަކުގެ އަދަދު މަހަކު 23 މިލިއަނަށް ދަށްވެފައިވެއެވެ.
މައިކްރޯސޮފްޓުން ސްކައިޕްގެ ޚިދުމަތް ހުއްޓާލުމަށް ނިންމާފައިވަނީ ޓީމްސް ޕްލެޓްފޯމަށް ފުރިހަމައަށް އަމާޒުކުރުމަށްޓަކައެވެ. ސްކައިޕްގެ ވިޔަފާރި ބޭނުންތަކަށް ޚާއްސަކުރެވިފައިވާ ބައި އެކަނި ދެމިހުންނާނީ ޓީމްސް އިކޯސިސްޓަމްއާ ގުޅިފައިވާ ގޮތުގައެވެ.