ޚަބަރު
އެފްއޭއެމް ޚިޔާނާތުގެ މައްސަލަ: އެޕާޓްމެންޓްތައް ހުސްކުރަން ބައްސާމަށް އިތުރުވަގުތު ދީފި
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލް. ފޮޓޯ:ދައުރު
އެފްއޭއެމް ޚިޔާނާތުގެ މައްސަލާގައި ހުސްކުރުމަށް އަމުރު ކޮށްފައިވާ ބައްސާމް ޢާދިލް ޖަލީލްގެ ދެ އެޕާޓްމެންޓް ހުސްކުރުމަށް ދިން މުއްދަތު ފުލުހުން އިތުރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ރޭ ފުލުހުން ބުނެފައިވަނީ ޙާލަތައް ރިޢާޔަތްކޮށް ބައްސާމުގެ ވަކީލު ސިޓީގައި އެދިފައިވާގޮތަށް މުއްދަތު އިތުރުކޮށް ލިޔުމުން އެކަން އަންގައިފައިވާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ނޫސްވެރިޔަކު ބައްސާމަށް އެފުރުޞަތު ދިނީ ކޮން ޙާލަތަކަށް ރިޢާޔަތް ކޮށްތޯ ކުރި ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރުގައި، އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާކަމަށެވެ.
އަދި އެޕާޓްމަންޓްތަކަކީ ބޮޑެތި މީހުންނާއި އަދި ކުޑަކުދިންވެސް ދިރިއުޅެމުންދާ އެޕާޓްމަންޓްތަކަކަށްވާތީ ޙާލަތަށް ރިޢާޔަތްކުރުމުގައި އެކަންކަމަށް ބަލާފައިވާނެކަމަށެވެ.
ބައްސާމުގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ އޭނާ އަމީން އެވެނިއު އިން ގަނެފައިވާ ދެ އެޕާޓްމެންޓް މި އޮކްޓޫބަރ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާއި ހަވާލުކުރުމަށެވެ. މިއަމުރު އެނާގެ މައްޗަށް ނެރެފައިވަނީ 24 ސެޕްޓެމްބަރު 2024 ގައެވެ.
ނަމަވެސް ބައްސާމުގެ ވަކީލު ވަނީ މިމުއްދަތު 31 އޮކްޓޫބަރ 2024 އަށް އިތުރުކޮށްދިނުން އެދި ސިޓީ އެއް ފޮނުވައިފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން އިއްޔެ ބުނެފައިވަނީ ބައްސާމުގެ މި ސިޓީއަށް ޖަވާބެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަަށެވެ.
މިމައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން ބުނެފައިވަނީ ކޮވިޑްގެ ޙާލަތުގައި ފީފާ މެދުވެރިކޮށް އެފްއޭއެމުން ނެގި ލޯނުގެ ފައިސާއިން އޭރު އެފްއޭއެމްގެ ރައީސް ކަމުގައި ހުރި ބައްސާމް, ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން 2 އެޕާޓްމަންޓް ގަނެފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް އެފްއޭއެމްގެ 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ފައިސާ އަކީ އެފްއޭއެމުން ޑޮލަރު މާރުކުރުމުގެ ނަމުގައި އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ޑޮލަރަށް، ލިބުނު ދިވެހި ރުފިޔާ ކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަންސްއަށް 14 އޭޕްރީލް 2021 ގައި 1 މިލިއަން ޑޮލަރު ޖަމާކުރިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މިއީ ކޮވިޑު ރިލީފް ލޯނެއްގެ ގޮތުގައި ފީފާ އިން އެފްއޭއެމް އަށް ދޫކޮށްފައިވާ 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން މި ޑޮލަރަށްވާ ފައިސާ އެފްއޭއެމްއަށް ލިބިފައި ނުވާ ކަމަށާއި, މި ފައިސާ އެފްއޭއެމްްއަށް ލިބުނުކަން ދެއްކުމަށް ލިޔެކިޔުމެއްވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.