Ads by Aqeeqa Maldives

ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގެ ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު ސަރުކާރުން ހެޔޮކޮށްފި

އުފެއްދުންތެރިކަމުގެ މައުރަޒުގެ ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު ސަރުކާރުން ހެޔޮކޮށްފި

އުފެއްދުންތެރިކަމުގެ މައުރަޒު އިފްތިތާހުކުރުން/ފޮޓޯ: އިޤްތިޞާދީ ވުޒާރާ

06 މޭ 2025، 11:58

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު (މޯލްޑިވްސް އެކްސްޕޯ 2025) ގައި ބައިވެރިވާ ވިޔަފާރިތަކަށް ޚާއްޞަކޮށް ބަހައްޓާ ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގު ސަރުކާރުން ހެޔޮކޮށްފިއެވެ.

ދިވެހި ވިޔަފާރިވެރިންނަށް ޚާއްޞަކޮށް ކުރިއަށް ގެންދާ މި މައުރަޒަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާގެ މަތިން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން އިސްކޮށް ހުންނަވައިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން ބާއްވާ މައުރަޒެކެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވިީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި މައުރަޒުގައި ބައިވެރިވެ، އެފަރާތްތަކުގެ އުފެއްދުންތައް ޢާންމުންނަށް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގުހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން، ކުރިން މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް 1،111 ރުފިޔާ ނަގަން ނިންމާފައިވާއިރު، މިހާރު ސަރުކާރުން ގެނައި ބަދަލާއެކު، ގޭގައި އަމިއްލައަށް މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ކިއޮސްކު ވިއްކާ އަގަކީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -/444 ރުފިޔާއެވެ.

މީގެ އިތުރުން، އެހެން ކުދި ވިޔަފާރިތަކަށް ކިިއޮސްކު ވިއްކުމަށް ހަމަޖެހިފައިވަނީ މައުރަޒު ކުރިއަށްދާ ކޮންމެ ދުވަހަކަށް -/666 އެވެ. ހަމަ މިއާއެކު، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓްގެ ސްޓޯލްތަކުގެ އަގުންވެސް މިހާރު ވަނީ -/3000 ރުފިޔާ އާއި -/4000 ރުފިޔާ އާއި ދެމެދުގެ ހެޔޮ ބަދަލެއް ގެނެސްފައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ވަނީ ހާމަކޮށްފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް ނުވަތަ، މޯލްޑިވްސް އެކްސްޕޯ 2025 އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މަޢުރަޒުގައި ދިވެހިވަންތަ ޡަޤާފީ އުފެއްދުންތެރިކަމުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތަކަށް ވެސް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އަހަރުގެ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ކުރިން އޮންނަގޮތުން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ބައިވެރިކުރެވޭނީ 15 ބާވަތެއްގެ އުފެއްދުމެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS