ދުނިޔެ
ސަންޢާގެ އެއަރޕޯޓަށް އިޒްރާއިލުން ހަމަލާދީފި

ސަންޢާއަށް އިޒްރާއިލުން ހަމަލާ ދިން ވަގުތު
ޔަމަންގެ ސަންޢާގެ އެއަރޕޯޓަށް އިޒްރާއިލުން ހަމަލާދީފިއެވެ.
ޔަމަންގެ އަލް މަސީރާ ޓީވީ އަށް ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ޔަމަންގެ ވެރިރަށް ސަންޢާއަށް އިޒްރާއިލުން ބޮމުގެ ހަމަލާތައް ދޭންފަށައިފައިވާ ކަމަށެވެ.
ސަންޢާއަށް ދިން ހަމަލާގެ މަންޒަރުތައް އަލް މަސީރާ ޓީވީއިން ދައްކާފައިވާއިރު ހަމަލާއާއި އެކު ހަމަލާތައް އެރި ސަރަހައްދުތައް ކަޅުދުމުން ފުރިގެންދާ މަންޒަރުތައް ވަނީ ފެނިގެން ގޮސްފައެެވެ.
ސަންޢާގެ އެއަރޕޯޓުގެ އިތުރުން ސަންޢާގެ އުތުރުގައި ހުންނަ ސިމެންތި ފެކްޓްރީއަކާއި ބަނީ އަލް ހަރީތު ސަރަހައްދުގައި ހުންނަ އިންޖީނުގެއަކަށް އިޒްރާއިލުން ހަމަލާދީފައިވާކަމަށް އަލް މަސީރާއާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.
ޔަމަނުގެ ސަންޢާއަށް ދިން މިހަމަލާގެ ޒިންމާ އިޒްރާއިލްގެ އަސްކަރިއްޔާއިން ނަގައިފައިވާއިރު އިޒްރާއިލްގެ އަސްކަރިއްޔާއިން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ މި ހަމަލާ ދިނުމުގެ އަމުރު އެމީހުންނަށް ދީފައިވަނީ އެއާފޯސްގެ ކޮމާންޑަރާއި ޗީފް އޮފް ސްޓާފް ކަމަށެވެ.
މީގެއިތުރުން އިޒްރާއިލްގެ ޢަސްކަރިއްޔާއިން ބުނެފައިވަނީ އިޒްރާއީލަށް ނުރައްކަލަކަށްވާ ކޮންމެ ޖަމާއަތަކަށް އަމާޒުކޮށް ހަމަލާދިނުމުގައި ދެމިތިބޭނެ ކަމަށެވެ.
ދާދި ފަހުން ހޫތީންވެސް ވަނީ އިޒްރާއިލްގެ މައި އެއް އެއަރޕޯޓަށް ހަމަލާދީފައެވެ. މި ހަމަލާގެ ސަބަބުން އިންޓަރނޭޝަނަލް ފްލައިޓްތަކުގެ ދަތުރުތަކަށް ބުރުއަރައި ފްލައިޓްތައް އެއަރޕޯޓަށް ޖެއްސުން މެދުކަނޑާލައިފައިވެއެވެ.
އެ ހަމަލާއަށްފަހު ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޔަމަނަށް ހަމަލާދޭނެކަމަށް ބުނެ އިޒްރާއިލުން އައީ ތަކުރާރުކޮށް އިންޒާރުދެމުންނެވެ.